މި އަހަރަށް ފާސްކުރި 37.0 ބިލިއަން ރުފިޔާގެ ބަޖެޓުގެ 94 ޕަސެންޓު ހަރަދުކޮށް، ބަޖެޓު ހުސްވާން ކައިރިވެއްޖެއެވެ.
މި އަހަރުގެ ބަޖެޓު ކުޑަވުމުން 5.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް، ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ބަޖެޓާ އެކު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ. ބަޖެޓު ކޮމިޓީން މިކަމަށް ރުހުން ދީފައިވާއިރު، އަންނަ ހޯމަ ދުވަހު ބަޖެޓު ފާސްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު:
- މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 34.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
- ރިކަރަންޓު ހަރަދުގެ ގޮތުގައި 23.7 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދުގެ ގޮތުގައި 8.54 ބިލިއަން ރުފިޔާ
- އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 23.7 ބިލިއަން ރުފިޔާ
- ބަޖެޓް ޑެފިސިޓްގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ
އާމްދަނީ ގިނައިން ލިބުނީ ޓެކުހުން، ހިލޭ އެހީ ވަރަށް މަދު
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 23.7 ބިލިއަން ރުފިޔާއެވެ. މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން ދައުލަތުން ފާސްކުރި އަދަދުގެ 97.5 ޕަސެންޓު އާމްދަނީ ވަނީ މި އަހަރުގެ މިހާތަނަށް ލިބިފައެވެ.
ދައުލަތުން ފާސްކުރީ 15.4 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ޓެކުހުން ލިބޭނެ ކަމަށެވެ. ނަމަވެސް އެއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރަށް ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބިފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.57 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެކަމަކު ދައުލަތުން ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކުރި އަދަދަކާ ގާތަށް ވެސް ހިލޭ އެހީ ނުލިބެއެވެ. ދައުލަތުން ލަފާކުރީ 2.91 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށެވެ. ނަމަވެސް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 322.4 މިލިއަން ރުފިޔާއެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދުގެ 11.1 ޕަސެންޓެވެ.
އުމްރާނީ މަޝްރޫއުތަކަށް ކުރި ހަރަދުތައް އިތުރު
ދައުލަތުން ލަފާކުރީ އުމްރާނީ މަޝްރޫއުތަކަށް 6.33 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ ލަފާކުރި ވުރެ އިތުރަށް 0.12 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުން އިތުރަށް ހަރަދުކުރި ކަންކަމަކީ
- ސްކޫލްތަކަށް: ލަފާކުރީ 215.4 މިލިއަން ރުފިޔާ، ހަރަދު ކުރީ 322.5 މިލިއަން ރުފިޔާ
- ގޮނޑުދޮށް ހިމާޔަތްކުރުމަށް: ލަފާކުރީ 230.7 ބިލިއަން ރުފިޔާ، ހަރަދު ކުރީ 320.9 މިލިއަން ރުފިޔާ
- ފެން ހިންދާ ނިޒާމު ގާއިމްކުރުމަށް: ލަފާކުރީ 12.4 ބިލިއަން ރުފިޔާ، ހަރަދު ކުރީ 13.8 ބިލިއަން ރުފިޔާ
- ފެނާއި ނަރުދަމާގެ ނިޒާމު: ލަފާކުރީ 954.4 މިލިއަން ރުފިޔާ، ހަރަދު ކުރީ 1.31 ބިލިއަން ރުފިޔާ
- ބަނދަރު ހެދުމަށް: ލަފާކުރީ 434.1 މިލިއަން ރުފިޔާ، ހަރަދު ކުރީ 834.8 މިލިއަން ރުފިޔާ
- އޮފީސް އިމާރާތްތައް ހަދައި މަރާމާތުކުރުމަށް: ލަފާކުރީ 56.4 މިލިއަން ރުފިޔާ، ހަރަދު ކުރީ 75.1 މިލިއަން ރުފިޔާ
- މިސްކިތް އެޅުމަށް: ލަފާކުރީ 27.8 މިލިއަން ރުފިޔާ، ހަރަދު ކުރީ 38 މިލިއަން ރުފިޔާ
- އިޖުތިމާއީ: ލަފާކުރީ 36.3 މިލިއަން ރުފިޔާ، ހަރަދު ކުރީ 51.2 މިލިއަން ރުފިޔާ
- ބިން ހިއްކައި މަގު ހެދުމަށް: ލަފާކުރީ 620 މިލިއަން ރުފިޔާ، ހަރަދު ކުރީ 1.13 ބިލިއަން ރުފިޔާ
މަޖިލިހުން އަންނަ ހޯމަ ދުވަހު ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި ނަމަ، އަހަރު ނިމޭއިރު ސަރުކާރުގެ ހަރަދުތައް 42.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެއެވެ.