ހިޔާ މަޝްރޫޢުގެ ދަށުން ގުރުއަތުން ފުލެޓު ލިބުނު މީހުން މާދަމާ ސޮއިކުރަން ފަށާނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން ވަނީ ހިޔާ މަޝްރޫއު އިން ފްލެޓަށް ހޮވިފައިވާ ފަރާތްތަކައް މި މަހުގެ 14 ވަނަ ދުވަހު ގުރުއަތުން ނަގާފައެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލް ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 25 އޮކްޓޫބަރު ގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތައް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން އިތުރަށް ބުނީ، އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވާއިރު، މައުލޫމާތު ކަށަވަރުކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް ގެންނަން ވާނެ.
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން ޕަވާ އޮފް އެޓާނީ” އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒީރުވުން.
  • އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފް އެޓާނީ" ފޯމު ހުށައަޅާފައިވާ ފަރާތްތަކުން ފޯމު ގެ އަސްލު ގެނައުން.
  • ފުލެޓްގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑާ-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުތް "ދެލިޕެޑް" ގެނައުމަކީ އެދެވިގެންވާ ކަމެއް.
  • އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފްލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ޕްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި.

އެޗްޑީސިން ވަނީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން ތާވަލްކޮށްފައިވާ ގަޑިއަށް ސަމާލުވެގެން، ހުޅުމާލޭގެ ސެންތްރޯ ހޯލުގެ ދެވަނަ ފަންގިފިލާއަށް އައުމަށް އެދިފައެވެ.