އެޗްޑީސީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ވީހާ ވެސް ފަސޭހައިން ފޯމް ހުށަހެޅުމާ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތުދިނުމަށް ރެކްރޫޓްމަންޓް ޕޯޓަލްގެ ނަމުގައި ޕޯޓަލްއެއް އިފްތިތާހްކޮށްފައެވެ.

އެޗްޑީސީން ބުނީ އެ ޕޯޓަލް އިފްތިތާހްކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކަމަށެވެ.

އެ ޕޯޓަލް އަކީ އޮންލައިންކޮށް ވަޒީފާއާ ބެހޭ ހުރިހާ މައޫލޫމާތުތަކެއް އަދި ލިޔެކިޔުންތަކެއް ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށާ އިއުލާން ކުރާ ހުރިހާ ވަޒީފާތަކެއް ވެސް އެއްތަނަކުން ބަލާލެވޭނެ ގޮތާ، ބޭނުންވާ ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު ޕޯޓަލްގެ ޒަރިއްޔާއިން ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ޕޯޓަލްއަށް ޒިޔާރަތްކުރުމަށްފަހު ކުރުމަށް ފަހު ޕްރޮފައިލްއެއް ހަދާ މައޫލޫމާތުތައް ފުރިހަމަ ކުރަންޖެހޭނެ ކަމަށާ ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއް އަޕްލޯޑް ކުރަން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުންވެސް ރެކްރޫޓްމަންޓްގެ ސްޓޭޓަސްބަލާލުން ފަދަ ހިދުމަތްތައް އެ ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ ޒަމާނީ ވަސީލަތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަކީ އެ ކުންފުނިން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

އަދި ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތް ދިނުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނެ ކަމަށާއި، އެ ޕޯޓަލްއަކީ އެޗްޑީސީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ އެޗްޑީސީއާ ގުޅާލަދޭ ފާލަމެއް ކަމަށް ސުހައިލް ވަނީ ސިފަކުރައްވާފައެވެ.