ކ. މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީން ނިންމާލައިފިއެވެ.

ހައުސިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކޮށްގެން މާފުށީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ އެ މަޝްރޫޫއު ނިންމާލާފައިވަނީ މިދިޔަ މަހުގެ 27 ގައި ކަމަށް، އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މާފުށީގައި ހިންގި އެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ފަދަ މަސައްކަތްތައް ކޮށްފައި ވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގު 118 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން، އެ އަތޮޅުގެ ގުރައިދޫގައި ހިންގި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައްވެސް އެމްޓީސީސީން ވަނީ މިދިޔަ މަހުގެ 27 ގައި ނިންމާލާފައެވެ.