ކ. މާފުށީގެ ބޭރުގައި އަޅާފައި އޮތް ސަފާރީއަކުން 200 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅާއެކު، ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރީ 62 އަހަރުގެ ދިވެއްސެއް ކަމަށާއި، އޭނާ ހައްޔަރުކުރީ މާފުށީގެ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން، މާފުށީގެ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސާއި މެރިން ފުލުހުންނާއި ޑްރަގް އެންފޯސްމަންޓާއި ފޮރެންސިކް ޑިޕާޓްމަންޓް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި އެ ސަފާރީ ބަލައި ފާސްކުރި އިރު 200 އަށް ވުރެ ގިނަ ފުޅި ބަނގުރަލާއި ދަޅު ފެނިފައިވާ ކަމަށާއި، އެ އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެއީ ކޮން ސަފާރީއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.