ކ. މާފުށީ ކައުންސިލަށް ލިބުނު ފައިސާ އާއި ހަރަދު ކުރި ފައިސާ ކަމަށް ހިސާބުތަކުން ދައްކާ އަދަދާއި މާލީ ބަޔާނުން ދައްކާ އަދަދުގައި ފަރަގު ހުރި ކަމަށް އޮޑިޓާ ޖެނެރަލް ތައްޔާރު ކުރި ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ކ. މާފުށީ ކައުންސިލް އިދާރާގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި، މާލީ ބަޔާނުގައި ހިމެނޭ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި އެ އިދާރާއަށް ލިބުނު ފައިސާގެ ޖުމުލައަކީ 14,236,719 ރުފިޔާއެވެ. ނަމަވެސް، އެ އަހަރު ފައިސާ ބަލައިގަތުމަށް ވިޔަ މޮޑިއުލް ބޭނުންކޮށްފައިނުވާ އިރު، ކައުންސިލުން އެކްސެލްގައި ތައްޔާރު ކޮށްފައިވާ ދުވަހު ފޮތުގައި އެ އަހަރު ތެރޭގައި ލިބުނުކަމަށް ރިކޯޑްކޮށްފައި ވަނީ 1,141,136 ރުފިޔާއެވެ.

އެހެންކަމުން އެ އަހަރު ތެރޭގައި ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނާއި ކައުންސިލުގެ ރިކޯޑުތަކުން ދައްކާ އަދަދާ ދެމެދު 13,095,583 ރުފިޔާގެ ފަރަގު ހުރި ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އަދި އެ ފަރަގު ހުރި ސަބަބުން "ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ހާމަކޮށްފައި ނުވުމާއެކު އެ ކައުންސިލަށް ލިބުނު ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ހަމައެއާއެކު "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ހިމަނާފައިވާ ހަރަދާއި ކައުންސިލުގެ ރިކޯޑުތަކުން ދައްކާ ހަރަދުގެ އަދަދުތައް ތަފާތުވުމުގެ މައްސަލައެއް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ތެރޭގައި ހިމެނޭ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން"ގައި ޖުމުލަ ހަރަދުގެ ގޮތުގައި 7,180,003 ރުފިޔާ ހިމާނާފައިވާ އިރު، އެ އަހަރުކޮށްފައިވާ ހަރަދުގެ ގޮތުގައި ވިޔަ މޮޑިއުލްގައި ޖުމްލަ 6،578،771 ރުފިޔާ ރިކޯޑްކޮށްފައި ވެއެވެ. އެހެންކަމުން މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ވިޔަމޮޑިއުލްގައި ހިމާނާފައިވާ އަދަދަކީ ސައްހަ އަދަދެއް ކަން ކަށަވަރު ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

2021 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމަނޭ ފައިސާ ލިބުނު ގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާނުން ދައްކާ ގޮތުގައި އެ އަހަރުގެ ނިޔަލަށް ކައުންސިލްުގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދަކީ 10.6 މިލިއަން ރުފިޔާއެވެ. ނަމަވެސް ކައުންސިލްގެ ތިޖޫރީ ރިޕޯޓާއި، އެކައުންޓް ބާކީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން މާލީ ބަޔާނުގައި ހިމަނާފައިވާ 10.6 މިލިއަން ރުފިޔާގެ ސައްހަ ކަން ކަށަވަރު ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މާލީ ބަޔާޏުގައި އެ އަދަދު 10.6 މިލިއަން ގޮތުގައި ހިމަނާފައިވާ އިރު، މާލީ ބަޔާނަށް ވާގިދޭ ނޯޓް ނަންބަރު 24 ގައި ހިމަނާފައި ވަނީ ޖުމްލަ 9.9 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މާލީ ބަޔާނުގައި ރީކޮންސިލިއޭޝަން ނޯޓް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. މާލީ ބަޔާނުގައި ޖުމްލަ ހަރަދުގެ ގޮތުގައި 7.18 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ ހަރަދުގެ ތަފްސީލުގައި ވަނީ ޖުމްލަ 6.23 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މި ދެބަޔާނުގައި ކުރެވުނު ހަރަދުގެ ފަރަގަށް ބަލާއިރު، 946،281 ރުފިޔާ ތަފަޓު ހުރި ނަމަވެސް، އެ ތަފާތު އައިސްފާ ސަބަބު ބަޔާން ކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.