ގަވާއިދާ ހިލާފުވުމުން އެ ކަންކަމާ ގުޅޭ ގޮތުން ސީދާ ފަތުރުވެރިންނާ މުއާމަލާތް ކުރަން ޖެހުނީ ކ. މާފުށިން ފަތުރުވެރިން ގެންނަ ލޯންޗުތަކުގެ ކްރޫއިން އެކަމަށް އެއްބާރުލުން ނުދިނުމުން ކަމަށް އދ. ދިގުރަށު ކައުންސިލުން ބުނެފިއެވެ.
މީގެ ދެ ދުވަސް ކުރިން ވަނީ ދިގުރަށުގެ ބަނދަރު ނޫން އެހެން ސަރަހައްދުތަކަށް ފަތުރުވެރިން ގޮސް މަޑުކުރާ ނަމަ، ފީ ދައްކަން ޖެހޭ ގޮތަށް އެ ރަށު ކައުންސިލުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އަމަލުނުކުރާ ފަތުރުވެރިން އެ ރަށުން ބޭލުމަށް ކައުންސިލްގެ ރައީސް، އިބްރާހިމް އުސްމާން އުޅުއްވާ ވީޑިއޯތަކެއް އާންމުވެފައެވެ.
އަދި އެ ވީޑިއޯތަކާއި ގުޅިގެން ބައެއް މީޑިއާތަކުންނާއި އާންމު ފަރުދުން ވެސް ވަނީ ވަރަށް ބޮޑަށް އެކަން ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އެ ރަށަށް އެއް ދުވަހަށް ޒިޔާރަތް ކުރާފަތުރުވެރިންގެ އަތުންވެސް ފީއެއް ނަގާ ކަމަށާއި އެފަދައިން އެކަންކަން ކޮށްގެން ނުވާނެ ކަމަށް ބުނެ ގިނަބަޔަކު ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ވާހަކަތަކާއި ގުޅިގެން ދިގުރަށުން ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިގުރަށު ކައުންސިލާއި ދެކޮޅަށް ފަތުރަމުންދަނީ ހަގީގަތާ ހިލާފު، ދޮގު ވާހަކަތަކެއް ކަމަށެވެ. އެ މައްސަލައިގެ ތަފްސީލަށް ދަމުން އެ ރަށު ކައުންސިލުން ބުނީ، މާފުށީގެ ލޯންޗުތަކުން ދިގުރަށަށް ގެންނަ ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި ތިބޭތީ އެކަން އިސްލާހު ކުރުމަށް އެ ފަތުރުވެރިން ގެންނަ ލޯންޗުތަކުގެ ކްރޫއިންނަށް އެކި ފަހަރު މަތިން އެންގި ނަމަވެސް އެކަން އިސްލާހު ނުކުރާ ކަމަށެވެ.
އަދ ބަނދަރު ފިޔަވާ އެހެން ސަރަހައްދުތަކަށް އިންޖީނުލީ އުޅަނދުފަހަރު ކައިރިކުރެވޭނީ ކައުންސިލުގެ ހުއްދަ ލިބިގެން ކަމަށާއި އެ ގޮތަށް ނިންމާފައި ވަނީވެސް ބަނދަރު ފިޔަވާ ދެންހުރި ސަރަހައްދު ތަކަކީ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމުކޮށް ހުރިހާ ވަގުތެއްގައި މޫދަށް އެރި އުޅޭ ސަރަހައްދުތަކަށްވާތީ އަދި ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ކަމަށެވެ.
އެގޮތުން ކައުންސިލް އާއި ގުޅޭ ވީޑިއާ ދައުރުވި މި މަހުގެ 12 ވަނަ ދުވަހަކީވެސް އެފަދައިން ގަވާއިދާ ހިލާފަށް ރަށަށް ޒިޔާރަތް ކުރި ފަރތުރުވެރިންނާ ނަސޭހަތް ދިން ދުވަހެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ފަތުރުވެރިންނަށް ނަސޭހަތްތެރިވުމުން، އެފަރާތްތަކުން ބުނަމުން ދިޔައީ އެކަމުގެ މައުލޫމާތު އެފަރާތްތަކަށް ނުލިބޭ ކަމަށާއި ލޯންޗުގެ ކުރޫއިން އިރުޝާދު ދީފައިވަނީ ނިވާކަން ކުޑަ ހެދުމުގައި ތިބެވޭނެކަމަށާއި، ހުއްދަ ހޯދަން ނުޖެހޭނެކަމަށް ކްރޫއިން ފަތުރުވެރިންނަށް އަންގާފައިވާ ކަމަށް ފަތުރުވެރިންނާ ހަވާލާދީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުންވެސް ހުއްދަ ނުހޯދައި ދިގުރަށުގެ އެކި ދިމަދިމާއަށް ކައިރިކުރާ ލޯންޗްތަކުން ދަތުރުކުރާ ފަރާތްތަކުން އެ ސަރަހައްދުގައި އުޅޭ ފަތުރުވެރިންނަށް ބިރު ދެއްކުމާއި، ތަކެއްޗަށް ގެއްލުންދިނުމާއި، ގަސްގަހާގެއްސަށް ގެއްލުންދިނުމާއި އަދި އުފެދޭ ކުނި އެކިތަންނަށް ދޫކޮށްލާފައި ދިޔުންފަދަ ނާތަހުޒީބު އަމަލުތައް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ދިގުރަށުގެ ބަނދަރަށް ކައިރިކުރުމާއި، ބަނދަރު ބޭނުންކޮށްގެން ދިގުރަށަށް އަރާ ފޭބުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭކަން ފާހަގަކޮށް ކައުންސިލުން ބުނީ އެރަށަށް ދިވެހިންނާއި ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރުމަކީ މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނާއި، ގަވާއިދުތަކާއި އަދި ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒްކޮށް ނެގެހެއްޓުމަށްޓައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ދެމިތިބޭނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ދިގުރަށުގެ ވިޔަފާރި އެންމެ ބޮޑަށް ހިނގަމުން އަންނަނީ އެ ރަށުގައިވާ ހިތްގައިމު ތުނޑިއަށެވެ. އެ ރަށުގެ ދެކުނު ކޮޅުގައި އޮންނަ ފަސް ކިލޯމީޓަރުގެ ދިގު ތުނޑިއަކީ އެހެން ރަށްރަަށަށް އަންނަ ފަތުރުވެރިންގެ މެދުގައި ވެސް މަގްބޫލު މަންޒިލެކެވެ.