ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަޙައްދުގައި ކްލިނިކެއް ހުޅުވުމަށް މި މަހުގެ 19 ވަނަ ދުވަހު އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީއިން ބުނީ ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށަން ވާއިރަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރަމުން ކަމަށެވެ.
މިގޮތުން ވަކިން ހާއްސަކަމެއް ދެވިގެން ހިޔާ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުގައި ހިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށް ދިނުމަށް އެސަރަޙައްދުގައި ކްލިނިކެއް ހުޅުވުމަށް މި މަހުގެ 19 ގައި އެގްރިމަންޓުގައި ސޮއިކޮށް ހަވާލުކޮށްފައި ވާ ކަމަށެވެ.
ހިޔާ ކޮމާޝަލް 04-H12-Gގައި ކްލިނިކް ގާއިމު ކުރުމަށް ޕައިތަން ޕްރައިވެޓް ލިމިޓެޑާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ލައިފް ސަޕޯޓް މެޑިކަލް ސެންޓާ ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ އެ ކްލިނިކް 3 މަސް ދުވަހުގެ ތެރޭގައި ނިންމާ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، އިތުރު 2 ކްލިނިކެއް މި ސަރަހައްދުގައި ގާއިމު ކުރުމަށް ހަަމަޖެހިފައިވާ ކަމަށާއި އެސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް، ސުޕަމާކެޓް، ގްރޮސައީ ސްޓޯ ފަދަ ތަންތަން މި 3 މަހުގެ ތެރޭގައި ހުޅުވިގެން ދާނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
މިމަހުގެ 10 ވަނަ ދުވަހު ވަނީ ހިޔާގެ 12 ވަނަ ޓަވަރުގެ ތިރީ ބުރީގައި "އެޗްސީޔޫ މާޓު" ކިޔާ ފިހާރައެއްވެސް ހުޅުވާފައެވެ. އެއީ ފޭސް 2 ގައި ހުޅުވި ފުރަތަމަ ފިހާރައެވެ.
ހިޔާ ފްލެޓް ލިބުނު ގިނަ އާއިލާތަކެއް ދަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލު ކުރަމުންވެ. އެގޮތުން 300 އެއްހާ ޔުނިޓެއްގައި މިހާރު މީހުން ދިރިއުޅޭ އިރު 4000 ޔުނިޓެއްގައި ފިނިޝިން މަސައްކަތް ކުރަމުން އެބަދެއެވެ.
ފްލެޓުތަކަށް މީހުން ބަދަލު ވަމުން ދާ އިރު ފޭސް 2 ގައި އަސާސީ ގިނަ ހިދުމަތްތައް ލިބެން ނެތުމުން އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.