ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ ތެރޭގައި، އެހެން މަަޝްރޫއުއަކުން ފްލެޓެއް ނުވަތަ ގޯއްޗެއް ލިބުމުގެ ސަބަބުން، އެ މީހުންނަށް ހިޔާއިން ލިބުނު ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން އެޗްޑީސީން މަޑުޖައްސާލައިފިއެވެ.

މިހާތަނަށް ހިޔާ މަޝްރޫއުން ފްލެޓް ލިބުނު 99 ޕަސެންޓް މީހުންނާއެކު މިހާރު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި އެކި ސަބަބުތަކާ ހުރެ އެއްބަސްވުމުގައި ސޮއިކުރެވެން ނެތް 207 ފަރާތެއްވެއެވެ.

އެޗްޑީސީން ފްލެޓް ލިބުނު މީހުންނާ އެކު ސޮއިކުރުން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން ބެލުމަށް ފަހު، ލިސްޓެއް ފޮނުވުމުން އޭގައި ތިބި މީހުންނަށެވެ.

އަދި މިނިސްޓްރީއިން ލިސްޓް އެޗްޑީސީ އަށް ފޮނުވުމަށްފަހު ވެސް އެއްވެސް ކަމެއް ފާހަގަކުރެވޭ ނަމަ ސޮއިކުރުން މަޑުޖައްސާލަން އަންގާފައިވާތީ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓެއް ލިބޭ މީހެއްގެ އިތުރު ފްލެޓެއް ނުވަތަ ގޯއްޗެއް އޮވެގެން ނުވެއެވެ. އެހެންނަމަވެސް ފްލެޓެއް އޮތުމުގެ ސަބަބުން ސޮއިކުރުން މަޑުޖައްސާލީ ކިތައް މީހުންގެ ކަމެއް ސާފެއް ނުވިއެވެ.