އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަން ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އަންގަވައިފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމަކީ އުތުރުތިލަފަޅު ތަރައްގީ ކުރުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެކެވެ.

އެ އެއްބަސްވުން ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުމުން އެކަމަށް އިންކާރުކުރުމުން، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅީ "ދިޔަރެސް" ނޫހުގެ ފަރާތުންނެވެ. މީގެ ކުރިން ޑިފެންސް މިނިސްޓްރީން ވަނީ ގައުމީ ސަލާމަތައް ނުރައްކާ ވާނެ ކަމަށް ބުނެ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ހާމަނުކުރަން ދެކޮޅު ހަދާފައެވެ.

މިއަދު އިންފޮމޭޝަން ކޮމިޝަނަންގެ އޮފީހުގައި އޮތް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނާ އާހިދު ރަޝީދު ވިދާޅުވީ އެ މައްސަލާގައި ޑިފެންސް މިނިސްޓްރީން ބުނި ގޮތަށް އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ކަމުގައި ގަބޫލުނުކުރެވޭ ކަމަށެވެ.

ހޯދަން އެދުނު މައުލޫމާތުތައް:

  • އުތުރުތިލަފަޅުގައި ތިބޭނެ އިންޑިއާގެ ޓެކްނިކަލް މުވައްޒަފުން ނިސްބަތްވާ މުއައްސަސާ ހާމަކޮށްދެން.
  • އެއްބަސްވުމުގެ ދަށުން އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބެވޭނެ މުއްދަތު.
  • އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބޭނީ އިންޑިއާގެ ޓެކްނިކަލް ކިތައް މީހުންކަން.
  • އެއްސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓް، އަދި އަނބުރާ ދައްކަން ޖެހޭ މުއްދަތާ އެފަދަ އެހެނިހެން ތަފްސީލް.
  • އެއްބަސްވުމުގެ ދަށުން އަންނަ ޓެކްނިކަލް މުވައްޒަފުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭނެނަމަ އެކަމުގެ ތަފްސީލް.
  • އެއްބަސްވުމުގެ ދަށުން އަންނަ ޓެކްނިކަލް މުވައްޒަފުންގެ ކެއުމާ އެހެނިހެން ހަރަދުތައް ދިވެހި ސަރުކާރުން ބަލަހައްޓާނަމަ އެކަމުގެ ތަފްސީލް.

ލޯނާ ގުޅޭ މައުލޫމާތު ފިޔަވަާ ދެން ހުރި މައުލޫމާތަކީ އެ މައުލޫމާތު ހާމަކުރުމުން ސިފައިންގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ މައުލޫމާތުކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން އަމަލުކޮށްފަ ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު ޑިފެންސް މިނިސްޓްރީގައި ނެތް ނަމަ ކަންކުރަންޖެހޭނެ ގޮތެއް ކަމަށް ގާނޫނުގައި ބުނެފައިވަނީ އެ މައުލޫމާތު ބަލަހައްޓާ އިދާރާއަކުން ހޯދާ އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވާތީ އެގޮތަށް އަމަލުކުމަށް ވެސް ޑިފެންސް މިނިސްޓްރީއަށް މިއަދު އެންގިއެވެ.

"ދިޔަރެސް"އިން ހޯދަން އެދުނު މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތެއް ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނަރު ނިންމެވިއިރު 7 ދުވަހުގެ ތެރޭގައި އެ މައުލޫމާތު "ދިޔަރެސް"އަށް ދިނުމަށް ޑިފެންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.