ހުއްދަ ނުނަގާ ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީންދޭ މަރުކަޒުތަކާ، އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމުތަކާ، ތަމްރީން ފޯރުކޮށްދޭ ފަރާތްތަކަކީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ފަރާތްތަކެއްކަމުގައި ވާންޖެހޭއިރު، މިކަމާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން އިއްޔެވަނީ ސާކިއުލާއެއް ނެރެފައެވެ.

މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނުނަގައި މުވައްޒަފުންނަށް ތަމްރީންތައް ފޯރުކޮށްދިނުމުގެ މަސައްކަތް، އޭވިއޭޝަން ސެކިއުރިޓީ ސިނާއަތުގައި ޝާމިލްވާ ބައެއް ފަރާތްތަކުން ކުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީއާއި ގުޅޭ ތަމްރީންތައް ފޯރުކޮށްދިނުމުގައި ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ހިންގާ ތަމްރީންތަކުގެ ސެޓްފިކެޓްތައް ގަބޫލުނުކުރާނެކަމަށް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ބައެއް ކޮލެޖްތަކުން ވެސް އޭވިއޭޝަން ދާއިރާގެ ބައެއް ކޯސްތައް ހިންގަމުން އަންނަކަން ފާހަގަކުރެވޭއިރު، މިފަދަ ކޯސްތައް ހުއްދަނެތި ހިންގާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.