އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާއާ ނޭޕާލް ވާދަކުރި މެޗު 1-0 އިންޑިއާ ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއާގައި މިމުބާރާތުގައި ކުޅުނު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެޓީމުން ކުޅުނު ދެ މެޗުން ވެސް އެއްވަރުވީ އިރު މިއީ މިމުބާރާތުގައި ނޭޕާލްއަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރެވެ.

މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ އިންޑިއާއިންނެވެ. މުޅި މެޗުގައި އިންޑިއާއިން 20 ޝޮޓު ފޮނުވާލާފައިވާ އިރު މީގެ ތެރެއިން 5 ޝޮޓެއް ގޯލާ އަމާޒުވިއެވެ.

މިއާ ހިލާފަށް ނޭޕާލްއިން މުޅި މެޗުގައި ވެސް ފޮނުވާލީ 4 ޝޮޓެވެ. އޭނގެ ތެރެއިން އެއްވެސް ޝޮޓެއް އިންޑިއާގެ ގޯލާ އަމާޒެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވެސް އިންޑިއާއަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތައް ލިބުނު އޭނގެން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.

މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނުނީ މެޗުގެ 82 ވަނަ މިނެޓްގައެވެ. އިންޑިއާއަށް މިލަނޑު ކާމިޔާބުކޮށް ދިނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

މިލަނޑާއެކު އިންޑިއާއަށް ލިބުނު ތިން ޕޮއިންޓްގެ ސަބަބުން އެޓީމު މިވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗުން ދަށްވި ނޭޕާލް މިވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ މިއަދު ހަވީރު ސްރީލަންކާ 1-0 އަކުން ބަލިކުރި ރާއްޖެއެވެ.

ދެން މުބާރާތުގެ މެޗުތައް އޮންނާނީ މިމަހުގެ 13 ވާ ބުދަ ދުވަހުއެވެ. އެދުވަހު ނޭޕާލް ބަންގްލަދޭޝްއާ ވާދަކުރާ އިރު ރާއްޖެ ނިކުންނާނީ އިންޑިއާ ދެކޮޅަށެވެ.