ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، އާންމު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ގޮނޑިއާއި މޭޒުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ބައެއް ކެފޭ/ހޮޓާތަކުން އިމާރާތުގެ ބޭރުގައި، ގަވާއިދާ ހިލާފަށް ގޮނޑިއާއި މޭޒު ބަހައްޓައިގެން އަދި އެކަމަށް ނަގަންޖެހޭ ހުއްދަ ނެގުމެއްނެތި ކާބޯތަކެތި ވިއްކަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން އާންމު ހިނގާބިނގާވެ އުޅޭ މަގުތަކާއި ޕޭވްމަންޓްތައް ބަންދުވާގޮތަށް އަދި އާންމުންނަށް އުނދަގޫވާގޮތަށް ގޮނޑިއާއި މޭޒު ބަހައްޓައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއްކަން ފާހަގަކޮށް އެޗްޑީސީން ބުނީ މިއަދުން ފެށިގެން 8 ނޮވެމްބަރު 2026 ގެ ކުރިން މިފަދަ ހުރިހާ ތަކެއްޗެއް ނަގަން ޖެހޭނެކަމަށެވެ.
އެޗްޑީސީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި އަމިއްލައަށް ނުނަގައިފިނަމަ، އެޗްޑީސީން އިސްނަގައިގެން އެ ތަކެތި ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ނަގާ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުނަގާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ހުޅުމާލޭގައި ހިންގާ ކެފޭ/ރެސްޓޯރަންޓްތަކަށް އިމާރާތުން ބޭރުގައި ގޮނޑި މޭޒު ބެހެއްޓޭނީ އެޗްޑީސީގެ ހާއްސަ އުސޫލުގެ ދަށުން "އައުޓްޑޯ ސީޓިން" ހުއްދަ ހޯދާ، އެކަމަށް ކަނޑައެޅިފައިވާ ފީ ދެއްކުމަށްފަހުއެވެ.
މީގެ ކުރިން ވެސް މިފަދައިން ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
އާންމު އިޖުތިމާއީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ހުޅުމާލެއަކީ އެންމެންނަށް ފަސޭހަކަމާއެކު އުޅެވޭނެ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ސަރުކާރާއި އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކަށް ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
