އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން، ހުޅުމާލެ ސެންޓްރަލް ޕާކުގައި ތަރައްގީކުރާ މިސްކިތާއި އިސްލާމީ މަރުކަޒު ޑިޒައިން ކުރުމުގެ މުބާރާތުގެ އެއްވަނަ މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް ލިބިއްޖެއެވެ.

އެއްވަނައަށް ދާ ފަރާތަކަށް ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ލިބޭ މި މުބާރާތުގެ އެއްވަނަ މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާއިރު، ދެވަނަ ލިބުނީ އައިޝަތު ރާސިޔާގެ ކުރެހުމަށެވެ. އަދި އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑުގެ ކުރެހުމަށް ވަނީ ތިންވަނަ ލިބިފައެވެ.

މި މުބާރާތުގެ ބައިވެރިންގެ ތެރެއިން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

އެޗްޑީސީން ބުނީ މިފަދަ ޑިޒައިން މުބާރާތެއް ހުޅުވުމުގެ މަގުސަދަކީ ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިތްތަކުން މިސާލު ނަގައިގެން ދިވެހި އާޓިސްޓުންނަށް ޑިޒައިން ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ޑިޒައިން މުބާރާތުގެ ދަށުން ބިނާ ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި ކޯޓުޔާޑާއި އެކު 2،500 މީހުންގެ ޖާގައެއް އޮންނާނެ ކަމަށާއި، އިސްލާމީ މަރުކަޒުގައި ލައިބްރަރީއެއްގެ އިތުރުން، މީޓިން ރޫމެއްވެސް ހިމެނޭ ކަމަށެވެ.

އަދި މިސްކިތާއި އިސްލާމީ މަރުކަޒު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ބިނާ ކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކު ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން ކަމަށް، އެޗްޑީސީން ބުންޏެވެ.