ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓު ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރެވުނު މީހުންނަށް މިއަދު ފުރުސަތު ދޭނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.
އެޗްޑީސީން ބުނީ އެހެން ފަރާތަކާ އެކު ފުލެޓު ބަދަލު ކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ވެސް ހިމެނޭގޮތަށް، ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފައިވާ ކަމަށެވެ
އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވާ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފޯމު ނަންބަރު: HF1(ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާއަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އޮކްޓޯބަރު 4، 2021 ގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީއިން ބުނީ ޖުލައި 14 އިން އޮކްޓޯބަރު 4 ކާއި ދެމެދު އެއްބަސްމުވުމަގައި ސޮއިކުރުމަށް ތާވަލުކޮށް އެކި ސަބަބުތަކާއިހުރެ އެއްބަސްވުމުގައި ސޮއި ނުކުރެވުމުނު މީހުންނަށް މިއަދު ހެނދުނު 11:30 އާ މެންދުރުފަހު 14:00 އާ ދެމެދު އެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
- ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުންހެކިވެރިއަކާއިއެކު ހާޒިރުވުންއަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފްއެޓާނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
- ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާންޖަހަން ބޭނުން ކުރާ "ދެލީ ޕެޑް" ގެނައުމަކީ އެދެވިގެންވާ ކަމެއް
- ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި
އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގާ ކަމަށެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.