ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނިތައް އުކާލަން އެޗްޑީސީން 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓައިފިއެވެ.

އެޗްޑީސީން ބުނީީ އޮގަސްޓް 17، 2021 އިން ފެށިގެން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ހިޔާ 7000ގެ 16 ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފުލެޓުތަކުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއިން ރަސްމީކޮށް ހިދުމަތް ފެށެންދެން ކުނި އުކާލުމަށްޓަކައި 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓާފައިވާ ކަމަށެވެ.

ޑަސްބިން ބަހައްޓާފައިވާ ސަރަހައްދު އިނގޭނެ ކުރެހުމެއް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.

އެޗްޑީސީން ވަނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާ އަދި ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން އެޓަވަރަކާ އެންމެ ކައިރީގައިވާ ޑަސްޓްބިންއަށް ކުނި އެޅުމަށް އެދިފައެވެ.

ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކުވެސް ހެންދުނު 8:00 އިން މެންދުރު 12:00 އަށްކަމަށް ވާތީ، ގަޑިއަށް ސަމާލުކަންދީ، ވަގުތުގެ ކުރިން ޑަސްބިންއަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޑީސީން ބުނީ ހިޔާ ފުލެޓު އެތެރޭގެ އެއްވެސް ތަނެއްގައި އަދި ފުލެޓު ހިމެނޭ ސަރަހައްދުގައި ވެސް ގޭބިސީން އުފެދޭ ކުނި ނުބެހެއްޓުމަށް ފުލެޓު ލިބިފައިވާ ފަރާތްތަކަށް އިރުޝާދު ދޭ ކަމަށެވެ.