ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ކުންފުނި، ދިރާގު ކާމިޔާބު ކުންފުންޏަކަށް ވުމުގެ މައިގަނޑު ސަބަބަކީ އެކުންފުންޏަށް ކަސްޓަމަރުން ކުރާ އިތުބާރުގެ ސަބަބުން ކަމަށް، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވެއްޖެއެވެ.

ދިރާގަށް 33 އަހަރު ފުރުނު ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކައިގަ އިސްމާއީލް ވިދާޅުވީ ދިރާގު ކުންފުންޏެއްގެ ގޮތުގަ ކުރިއަރައިގެން ދިޔައީ އެ ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތުގެ ސަބަބުން ކަމަށާއި، އެ މަސައްކަތާއި ރާއްޖޭގެ ތަރައްގީއާ ވަނީ ގުޅިފަ ކަމަށެވެ. އަދި އެ ކުންފުންޏަށް ކަސްޓަމަރުން ކުރާ އިތުބަރުވެސް ފާހަގަ ކުރެއްވިއެވެ.

ކުންފުންޏެއްގެ ގޮތުގަ ދިރާގު އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ މުވާސަލާތީ ގޮތުން ރާއްޖެއަށް އެ ކުންފުނިން ވަނީ އިންގިލާބެއް ގެނެސްދީފަ ކަމަށާ، އެގޮތުން ރާއްޖޭގެ މުޅި އާބާދީއަށް މޯބައިލްގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރިއިރު، ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ހިދުމަތްތައް 80 ޕަސެންޓު އާބާދީއަށް ތައާރަފުކޮށްފައިވާ ކަމަށްވެސް އިސްމާއީލް ވިދާޅުވިއެވެ.

މިހާރުވެސް ދިރާގުން ދެމުންދާ ބައެއް ހިދުމަތްތަކަށް ބަދަލުތައް ގެނައިކަން ފާހަގަ ކުރައްވާ، އިސްމާއީލް ވިދާޅުވީ ގިނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އަގުތަކަށްވެސް ހެޔޮ ބަދަލުތައް ވަނީ ގެނެވިފައި ކަމަށެވެ. އެގޮތުން މޯބައިލް އިންޓަނެޓުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް މިއަދު ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުވާސަލާތީ މަސައްކަތްތަކުގެ އިތުރުން އިޖުތިމާއީ މަސައްކަތްތައްވެސް ދިރާގުން ކުރަމުންދާ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އެގޮތުން ޒުވާނުން ބިނާ ކުރުމަށާއި، ތިމާވެށި ހިމާޔަތް ކުރުމަށާއި، ތައުލީމީ ދާއިރާގެ އިތުރުން ކުޑަކުދިންނަށް އެހީތެރިވުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ދިރާގަކީ ކަސްޓަމަރުންގެ އިހުސާސްތައް ދެނެގަނެ، ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާތަކަކާއި ހިދުމަތްތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ އަދި މުޅި ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރާ ދިވެހި ކުންފުންޏެއް."
އިސްމާއީލް ރަޘީދު, ދިރާގުގެ މެނޭޖިން ޑިރެކްޓަރު

99 ޕަސެންޓު ދިވެހިން މަސައްކަތް ކުރާ ދިރާގަކީ އެންމެ ގިނަ ދުވަސްވީ މުވާސަލާތީ ކުންފުންޏެވެ. މޯބައިލް ހިދުމަތްތަކުގެ އިތުރުން، ދިރާގުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.