ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ތިބި ފަރާތްތަކުގެ ގްރޭސް ޕީރިއަޑް މިއަދުން ފެށިގެން ގުނަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ ފްލެޓުތަކުގެ ތަޅުދަނޑި އެތަންތަން ލިބިފައިވާ ފަރާތްތަކަށް ހަވާލު ކުރުމުގެ މަސައްކަތް ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި އެޗްޑީސީ އިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެގްރީމަންޓުތަކުގައި ސޮއިކޮށްފައި ވާއިރު އެ އެގްރީމަންޓުތަކުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ފްލެޓު އެއްބަސްވުމުގައި ސޮއިކުރާއިރު އެ ޓަވަރަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ލިބިފައި ނުވާނަމަ ގްރޭސް ޕީރިއަޑްގެ ތިންމަސް ދުވަސް ގުނަން ފަށާނީ އެ ޓަވަރަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބުމުން ކަމަށެވެ.

އެޗްޑީސީ އިން ބުނީ އެ ހިދުމަތް ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ލިބިފައި ވާތީ މިއަދުން ފެށިގެން ގްރޭސް ޕީރިއަޑްގެ ތިންމަސް ގުނަން ފަށާނެ ކަމަށެވެ. އަދި މި ތިން މަސްދުވަސް ހަމަވުމަ ށްފަހު އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓް އަދި މެނޭޖްމަންޓް ފީ ހިނގަން ފަށާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ހުރިހާ ފީއަކާއެކު މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ފްލެޓަށް ދައްކަން ޖެހެެއެވެ.