ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓު ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދުވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ އެހެން ފަރާތަކާއި އެކު ފްލެޓު ބަދަލު ކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ވެސް ހިމެނޭގޮތަށް، ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދާއި މާދަމާގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފައިވާ ކަމަށެވެ.
އެޗްޑީސީއިން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވާ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފޯމު ނަންބަރު: HF1(ފްލެޓު ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފްލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާއަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ސެޕްޓެމްބަރު 30، 2021 ގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި އެކި ސަބަބުތަކާއި ހުރެ މައުލޫމާތު ކަށަވަރުކޮށް ނުނިމި ހުރި ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
1. ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ވާނެ، އަދި ހެކިވެރިއެއްގެގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑު ގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ.
2. ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓަނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރު ވުން އަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފް އެޓަނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
3. ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައި ގެ) އަދި އިނގިލީ ެގ ނިޝާން ޖަހަން ބޭނުން ކުރާ "ދެލި ޕެޑް" ެގނައުމަކީ އެދެވިގެންދާ ކަމެއް
4. އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި
އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގާ ކަމަށެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.