އެޗްޑީސިން ކުރިއަށްގެންދިޔަ "އީޖާދީ މަންސަ"އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފިއެވެ.

އެޗްޑީސީން ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ތަރައްގީ ކުރުމަށްޓަކައި ހާއްސަ ފުރުސަތުތަކެއް އެކޯޕަރޭޝަނުން ފަހިކޮށްދެމުންދާ ކަމަށެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި "އީޖާދީ މަންސަ"ގެ ނަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެޗްޑީސީގެ ފަރާތުން އިންތިޒާމުކޮށް ހުޅުވާލެވުނު ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިއްޔެ އެކަން ފާހަގަކޮށް ސެޓިފިކޭޓް ހަވާލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ "އިޖާދީ މަންސަ" އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ހާއްސަކޮށްގެން އަމިއްލަ އުފެއްދުންތަކާ އާ ހިދްމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހެޅުމުގެ އިތުރުން އެ މުބާރާތުގެ ސަބަބުން މުޖްތަމަޢުގެ ގިނަ އަފްރާދުންގެ ބައިވެރިވުމާ ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެ ކަމެެއް ކަމަށެވެ.

ހަމައެއާއެކު، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން، ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކޮށް، އާއްމު އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ އެފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު އެއް މަގްސަދު ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ގޭގައިކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާ، އަދި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް "އީޖާދީ މަންސަ" ގެ ނަމުގައި ހިންގި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމުން ޖުމްލަ 36 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

އަދި 5 ކެޓަގަރީކަމަށްވާ (ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ހިދުމަތް) ކޮންމެ ކެޓަގަރީއަކުން ވެސް 1 ވަނަ އަދި 2 ވަނަ ފަރާތެއް ހޮވަން ހަމަޖެހިފައިވާއިރު، މާކްސް ލިބުނު އަދަދުތަކަށް ބަލާ ޖުމްލަ 9 ފަރާތެއް ހޮވާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ކަނޑައަޅާ ވަކި މުއްދަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ފުލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި، މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން 1 ވަނައަށް ހޮވޭ ފަރާތްތަކާ ހަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލާ 1 އަހަރު ދުވަހުގެ މުއްދަތަށް ހަވާލު ކުރެވޭ ޔުނިޓުތަކެއް ކަމަށާ 2 ވަނައަށް ހޮވޭ ފަރާތްތަކަށް ހަވާލުކުރެވޭ ޔުނިޓުތަކަކީ، އެއްވެސް ކުއްޔަކާ ނުލާ 6 މަސް ދުވަހުގެ މުއްދަތަށް ހަވާލު ކުރެވޭ ޔުނިޓުތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ތަރައްގީ ކުރުމަށްޓަކާ ލިބިގެންދާނޭ ރަނުގެ ފުރުސަތެއް ކަމަށް އެޗްދީސީން ބުނެއެވެ.