އިންގްލިޝް ޕްރިމިއާ ލީގުގައި މިސީޒަންގެ ތައްޓަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ރޭ ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި އެޓީމު ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އަތުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗު ސިޓީ ކާމިޔާބުކުރީ 0-1 އަކުންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މެޗުގެ 56 ވަނަ މިނެޓްގައި ގެބްރިއަލް ހެސޫސެވެ.

މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހެސޫސް/ ފޮޓޯ: އީޕީއެލް ޓުވިޓާ

ރޭ ޔުނައިޓެޑް ވެސް އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ހަމަ 0-1 އެއްގެއްގެ ސްކޯލައިނަކުންނެވެ. މުޅި މެޗުގައި ވެސް ޔުނައިޓެޑަށް މާ ރަނގަޅު ފުރުސަތުތައް އުފެއްދިފައި ނުވާ އިރު މެޗުގެ ވިލާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 88 ވަނަ މިނެޓްގައެވެ.

ވިލާގެ ކުޅުނުްތެރިން އުފާ ފާޅުުކުރަނީ/ ފޮޓޯ: އީޕީއެލް ޓުވިޓާ

ސްކޯ ހަމަހަމަ ކުރަން މެޗު ނިމެން ދަނިކޮށް ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބްރޫނޯ ފަނާންޑޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލު ދަނޑި މަތިން ސީދާ ބޭރަށެވެ.

ޗެލްސީއާއި ޔުނައިޓެޑާ ދެޓީމު ބަލިވުމުން ތާވަލުގެ ކުރީގައި އޮތް ލިވަޕޫލަށް ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތު އެޓީމުން ރޭގައި ވަނީ ނަގާލާފައެވެ. އެއީ އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން 3-3 އަކުން އެއްވަރުވުމުންނެވެ.

ބްރެންޓްފޯޑްގެ ފުރަތަމަ އެޓީމުން ޖަހަނީ/ ފޮޓޯ: އީޕީއެލް ޓުވިޓާ

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 27 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. އެހެން ނަމަވެސް އޭނގެ ކުޑަ އިރުކޮޅެއް ފަހުން ލިވަޕޫލުން ލަނޑެއް ޖަހާ ސްކޯ 1-1 އަކަށް ހެދިއެވެ.

މެޗުގެ ދެވަނަ ހާފްގެ 54 ވަނަ މިނެޓްގައި ލިވަޕޫލްގެ ފޯވަޑް ސަލާހް ވަނީ ލަނޑެއް ޖަހާ މެޗުގައި ލިވަޕޫލަށް ލީޑު ނަގާ ދީފައެވެ. މިއީ ލީގުގައި އޭނާ ލިވަޕޫލަށް ޖަހާ ދިން 100 ވަނަ ލަނޑެވެ.

މިސްރުގެ ސަލާހް މިވަނީ ލިވަޕޫލަށް ލީގުގައި 100 ލަނޑު ޖަހާ ރިކޯޑެއް ގާއިމުކޮށްފައި/ ފޮޓޯ: އީޕީއެލް ޓުވީޓާ

ނަމަވެސް ބްރެންޓްފޯޑް އަނެއްކާވެސް ލަނޑެއް ޖަހާ ސްކޯ 2-2 އަކަށް ހެދިއެވެ. އެއަށް ފަހު ލިވަޕޫލްގެ އިތުރު ލަނޑެއް ފެނުނު އިރު މެޗުގެ ފަހު ވަގުތު ބްރެންޓްފޯޑުން ޖެހި ލަނޑާއެކު މެޗު ނިމުނީ 3-3 އަކުން އެއްވަރުވެގެންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު 2-0 އަކުން އެވަޓަން ނޯވިޗް ބަލިކުރި އިރު ވެސްޓްހޭމް ވަނީ ފަހަތުން އަރާ 1-2 އަކުން ލީޑްސް ބަލިކޮށްފައެވެ. އަދި ލެސްޓާއާއި ބާންލީ ކުޅުނު މެޗު 2-2 އަކުން އެއްވަރުވީ އިރު ނިއު ކާސަލްއާއި ވޮޓްފޯޑް ކުޅުނު މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ.