ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިން ނޫސްވެރިންނާއި މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފައި އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މީޑިއާ ކައުންްސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާ މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތްއިރު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ހުށައަޅާފައިވާ ހެއްކާއިބެހޭ ބިލްގައި ނޫސްވެރިޔާ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާ ކަަމަށެވެ.
އަދި މިގޮތަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯއްދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ އަދި އެކަން މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސް ބައިނަލްއަގްވާމީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އެމްއެމްސީން ބުންޏެވެ. އެހެން ކަމުން އެ މާއްދާ އުނިކުރަން ވަނީ އެދިފައެވެ.
އެމްއެމްސީ ވަނީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބި ހެއްކާއި ބެހޭ ބިލުން މަސްދަރު ހާމަކުރަންޖެހޭ ބައިތައް އުނި ކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.
ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.
މަޖިލީހުގައި މިހާރު ހުށަހަޅައިގެން އުޅޭ ހެއްކާ ބެހޭ ބިލު ފާސްވެއްޖެ ނަމަ ކުރިން އެކުލަވާލާފައިވާ ދެގާނޫނު އުވިގެން ދާނެއެވެ.