ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓު ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދާއި މާދަމާވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ
އެޗްޑީސީން ބުނީ އެހެން ފަރާތަކާއި އެކު ފްލެޓު ބަދަލު ކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ވެސް ހިމެނޭގޮތަށް، ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދާއި މާދަމާގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފައިވާ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވާ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފޯމު ނަންބަރު: HF1(ފްލެޓު ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފްލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާއަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ސެޕްޓެމްބަރު 19، 2021 ގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި އެކި ސަބަބުތަކާއި ހުރެ މައުލޫމާތު ކަށަވަރުކޮށް ނުނިމި ހުރި ފަރާތްތަކުގެ މައުލޫމާތު ކަށަވަރު ކުރެވުމުން، އެ ޓަވަރެއްގެ ސޮއިކުރުން ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވޭއިރު އެފަރާތްތަކަށް އެއްބަސްވުމުގައި ސޮއެ ކުރުމަށް ފުރުސަތު ދެވޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
- ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުންހެކިވެރިއަކާއިއެކު ހާޒިރުވުންއަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފްއެޓާނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
- ފްލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާންޖަހަން ބޭނުން ކުރާ "ދެލީ ޕެޑް" ގެނައުމަކީ އެދެވިގެންވާ ކަމެއް
- ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި
އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގާ ކަމަށެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.