ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.

އެމްއާރްއެމް އިން ބުނީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައި ވެސް ޑިމޮކްރަސީއަށް ކުރެވުނު، އަދި ކުރެވެމުންދާ މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއް ކަމަށެވެ.

އެގޮތުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އާ ދަތުރުގެ ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ، ޖޫން 09، 2004 ވަނަ ދުވަހު ކަމަށާ އެދުވަހުގެ ރޭ، އޭރުގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަގުކޮށްދިން ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

އެމްއާރްއެމް އިން ބުނީ އިސްލާހީ އެޖެންޑާއިން މަގުފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާ އަދި ގައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލާ ސިޔާސީ ގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެނެސް، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދިގެން ދިއުން ކަމަށެވެ.

ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ އޮގަސްޓް 07، 2008 ދުވަހުގެ ރޭ ކަމަށް އެމްއާރްއެމް އިން ބުނެއެވެ. އަދި މިހާރު މި އޮތް ފެހި ގާނޫނުއަސާސީ ތަސްދީގުރުމާ އެކު އެގާނޫނު އަސާސީގެ ދަށުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިޔަ ކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.

އެމްއާރްއެމް އިން ބުނީ ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ބައެއްކަން ހާމަވެގެން ދިޔައީ އާ ގާނޫނުއަސާސީއަށް ފަހުވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި އިންތިހާބުތަކުން ކަމަށެވެ. އެ އިންތިހާބުތަކުގައި ދިވެހި ރައްޔިތުން އެރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުންކޮށް އެ ރައްޔިތުންގެ ބަސްއިއްވާފައިވާ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެއް ކަމަށާ އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

އެމްއާރްއެމް އިން ބުނީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓު ލުމުގެ ހައްގެއް ނޫން ކަމަށާ ފުރިހަމަ ޑިމޮކްރަސީއަކަށް، އޭގެ ހަމަތައް ނަގަހައްޓާ ދަމަހައްޓާނޭ ސިޔާސީ ލީޑަރުން ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާ އަނިޔާވެރިކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ ބޭރުން ހިނގި ކަންކަމެއް ކަމަށް އެމްއާރްއެމްއިން ބުނެއެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

އެމްއާރްއެމްއިން ބުނީ އެކަމަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.