ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ދެމެދުގައި ތަރައްގީ ކުރަމުން އަންނަ ޗެނަލްގެ 66 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެޗްޑީސީން ބުނެފިއެެވެ.

އެޗްޑީސީއިން ބުނީ މި ޗެނަލް އަކީ ފުޅާމިނުގައި 50 މީޓާރު، އަދި ފުންމިނުގައި 1.85 މީޓަރު ހުންނަ ހަތަރު ބްރިޖަކުން ފޭސް އެކަކާއި ފޭސް ދޭއް ގުޅުވާލަދޭ ޗެނަލްއެއް ކަމަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކޮށްފައި ވާ މި މަސައްކަތުގައި މިހާރު ކުރިޔަށް ދަނީ ބިންގަޑު އެއްވަރު ކުރުމުގެ މަސައްކަތާއި ގަލުގެ މަސައްކަތް އަދި ޗެނަލް ސަރަހައްދުގެ ވަށައިގެން ފާރު ރޭނުމުގެ މަސައްކަތާއި އެ ސަރަހައްދުގެ ފެނުގައި ހުރި ކުނިބުނި ނަގައި ފެން ސާފު ކުރުމުގެ މަސައްކަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި ހުޅުމާލޭގެ ދެފޭސްގެ ޗެނަލްގެ މަސައްކަތް ކުރަނީ ހުޅުމާލޭގައި 7،000 ފްލެޓުގެ މަސައްކަތް ކުރި ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އެވެ.