ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓު ލިބި، އެހެން ފަރާތަކާއި އެކު ފުލެޓު ބަދަލު ކުރަން އެދިފައިވާ މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފަށަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ފުލެޓު ބަދަލު ކުރަން އެދި ހުށަހަޅާފައިވާ ފަރާތްތައް ސޮއި ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހުއެވެ. އެ ދެ ދުވަހު ސޮއިކުރުމަށް ތާވަލުކުރެވިފައިވާ ފަރާތްތަކުގެ ލިސްޓް އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ.
އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވަނީ ފޯމު ފުރިހަމަކޮށް ސެޕްޓެމްބަރު 9، 2021 ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކަށް ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ އެކި ސަބަބުތަކާއި ހުރެ މައުލޫމާތު ކަށަވަރުކޮށް ނުދެވުނު ފަރާތްތަށް އެޓަވަރެއްގެ ސޮއިކުރުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ވަގުތު އެއްބަސްވުުގައި ސޮއިކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
- ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުންހެކިވެރިއަކާއިއެކު ހާޒިރުވުންއަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފްއެޓާނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
- ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާންޖަހަން ބޭނުން ކުރާ "ދެލީ ޕެޑް" ގެނައުމަކީ އެދެވިގެންވާ ކަމެއް
- ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުންހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި
އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލު ހޯލްގައި ކަމަށެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.