ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އިދިކޮޅުން ބުނީ ނާޒިމް ރައީސް އަބްދުﷲ ޔާމީން އަށް ނިސްބަތް ކުރައްވާ ދައްކަވާފައި ވަނީ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

އެ ކޯލިޝަނުން މިހެން ބުނެފައި ވަނީ ދާދި ފަހުން ޓީވީ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައިގައި އޭރުގެ ރައީސް ޔާމީނާ ގުޅުވާ ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ގެއިން ފިސްތޯލަ އެއް ފެނުނު މައްސަލައިގައި އެކަމާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ (އަބްދުﷲ ޔާމީން) އާ ގުޅުވައި ދައްކަވާފައިވާ ވާހަކަތައް ދޮގުކުރާ ކަމަށެވެ. އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލައަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަށް ކަމަށް ނާޒިމް ދައްކަވާފައި ވަނީވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުންމަށް ހަތިޔާރު ގެންގުޅަމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން. އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނުނު މައްސަލައަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާކަމެއް ކަމަށް ވިދާޅުވި ނަމަވެސް އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުން"
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނާޒިމް، ރައީސްޔާމީންއަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާ ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާއި ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް ކަމުގެ ހަގީގަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހިރައްޔިތުންނަށް ހާމަކޮށް ދިނުމަށް ނާޒިމަށް ގޮވާލާ ކަމަށެވެ.

ނާޒިމް އިސްކޮން ހުންނަވައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ވަނީ އުފައްދއް ފައްޓަވާފައެވެ. އަދި އެމްއެންޕީން މިހާރު ކުރަމުން ދާ މަސައްކަތަކީ ޕާޓީއަށް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ.