މެލޭޝިއާގައި، ތައުލީމް ހާސިލް ކުރަމުންދާ ބޭރު ގައުމުތަކުގެ ދަރިވަރުން އަތުން އަލަށް ނަގަން ފެށި ޓެކްސް ފައިސާގެ ކަންކަން، ސްކޮލާޝިޕްގެ އިތުރުން މިނިސްޓްރީން ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ހަމަޖައްސާދޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

އެގައުމުގެ ކޮލެޖު، ޔުނިވާސިޓީ، ޕްރީ ސްކޫލް އަދި އެހެނިހެން ތައުލީމީ ސެންޓަރުތަކުން ތައުލީމު ހާސިލުކުރަމުންދާ ބޭރުގެ ދަރިވަރުންގެ އަތުން ސާވިސް ޓެކްސް ފީގެ ގޮތުގައި 6 ޕަސެންޓް ނެގުމަށް ނިންމީ ހުސްވި ޖޫން މަހުގެ ފަހުކޮޅުއެވެ.

އެ ނިންމުމުގައިވާ ގޮތުން ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ)އަށް ގެންނަ ބަދަލެއްގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެއް ޓިއުޝަން ފީއަށް ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓްރީ ކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭނަމަ، ރެޖިސްޓްރީ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށި މި އުސޫލާއެކު އެ ގައުމުގައި މިހާރު ތައުލީމް ހާސިލް ކުރަމުންދާ އެތައް ދިވެހި ދަރިވަރުންނެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެ މިނިސްޓްރީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށެވެ.

އެގޮތުން މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް މިހާރު ސްކޮލާޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމަނައިގެން ދޫކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް އެ މިނިސްޓްރީން ލޯނު ނަގައިގެން އެ ގައުމުގައި ކިޔަވަމުންދާ ކުދިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

"އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލާޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ގެންދާނީ ދޫކުރަމުން. މި ވުޒާރާއިން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ އެފަދަ ކުދިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މިދަނީ މަސައްކަތް ކުރަމުން."
ހަޔާ އެޑިއުކޭޝަން

މެލޭޝިއާގެ ރައްޔިތުން މި ޓެކުހުން އިސްތިސްނާވާއިރު މި ޓެކްސްގެ ސަބަބުން 2025 ވަނަ އަހަރުގެ ނިޔަލަށް ބައިނަލްއަގްވާމީ 250،000 ދަރިވަރުން ގެނައުމަށް މެލޭޝިއާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ބުރޫއަރާނެކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.

މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލް ކުރުމުގެ އިތުރުން ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ވެސް ގައުމެކެވެ.