ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ވެރިކަމުގައި ކުރީން އޮތް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ 6 ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދެވި ނިންމާލަން ޖެހިއްޖެއެވެ.

ނިހާނަށް ކުރާ 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގައި މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ އަޑު އެހުން ފެށުމާ އެކު ނިހާނުގެ ވަކީލް ހުސްނީ މުބާރަކު ވިދާޅުވީ މައްސަލަ އާ ގުޅިގެން ލިބިފައިވާ ލިޔުންތައް ކިޔަން އެނގިވަޑައިނުގަންނަވާ ވަރަށް ނުސާފު ކަމަށެވެ. އެހެންވެ ސާފު ލިޔުންތައް ބޭނުންވާ ކަމަށް މުބާރަކު ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް، ތިން ދުވަހުގެ ތެރޭގައި ސާފު ލިޔެ ކިއުންތައް ނިހާނަށް ހަވާލު ކުރުމަށް ދައުލަތަށް އަންގާފައި ވާއިރު ދައުލަތުން ވަނީ ތިން ދުވަހުގެ ތެރޭގައި ލިޔުންތައް ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

ދައުވާ އުފުލުމަށް ފަހު އެ މައްސަލަތަކުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ. ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިގެން ކުރިއަށް ދާ އިރު، ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލެކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިޔާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.