ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްޖެ ދިރުން ފެކްޝަން އިން ޖުމްހޫރީ ޕާޓީއާއެކު ސަން އައިލެންޑުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމަކީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ރައީސް ނަޝީދުގެ ފެކްޝަނާއި ޖޭޕީއިން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއެވެ.

އެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ޖޭޕީގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދުގެ އިތުރުން ޖޭޕީގެ ސްޕެޝަލް އެޑްވައިޒާ ރިޔާޒް ރަޝީދު އަދި އެޑްވައިޒަރު އަހްމަދު ނިހާން ވެސް ވަނީ ބައިވެރިވެވަޑައިގަތެވެ. އަދި ފިކުރެއްގެ ދިރުމުގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރަކަށް ހުންނެވި މުހައްމަދު ޝިހާބުވެސް ބައިވެެރިވެވަޑައިގަތެވެ. ޝިހާބު އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވިކަން ސާފެއް ނުވެއެވެ.

މީގެކުރިން ވެސް ފިކުރެއްގެ ދިރުމުން ވަނީ ޖޭޕީއާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. އެގޮތުން މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރުގައި ފިކުރެއްގެ ދިރުން ފެކްޝަނާއެކު ޖޭޕީން ބޭއްވީ ބައްދަަލުވުމުގައި ދެ ފަރާތް ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އެ ބައްދަލުވުމަށް ވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އަދި "ފިކުރެއް ދިރޭ" ފޯމިއުލާއެއް ދެފަރާތަކަށް ނުނެރެވެއެވެ. ނުވަތަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީން ބަލިވެވަޑައިގަތުމުން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ މެންބަރުން ގެންދަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް ހެދުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެ ގޮފި އަދި ވުޖޫދު ނުވާ އިރު ބައެއް މަސްދަރުތަކުން ބުނާގޮތުން އެ ފިކުރަށް 8000 މެންބަރުންވެސް ހަމަނުވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވާނެ ކެންޑިޑޭޓަކު ރަސްމީކޮށް އިއުލާން ކުރައްވާފައި ނުވި ނަމަވެސް މި ފަހަކަށް އައިސް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ނަޝީދުގެ ތާއީދު އޮތްކަން އަންނަނީ ފެންނަމުންނެވެ.