އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު، އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ހިންގި ތަހުގީގުގެ ލިޔުންތައް ދޭން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ތަހުގީގީ ލިޔުންތައް ދޭން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ނިހާންގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ އިފްތިތާހީ ބަޔާން އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި އިފްތިތާހީ ބަޔާން އިއްވުމުގެ ކުރިން ބައެއް ކަންކަން ފާހަގަކުރައްވަން ބޭނުންކަން ފާހަގަކުރައްވާ ނިހާންގެ ވަކީލު ހުސްނީ މުބާރިކު ވަނީ ޝަރީއަތް ފެށުމުގެ ކުރިން ތަހުގީގީ ލިޔެކިޔުންތައް ބަލަން ފުރުސަތު ދިނުމަށްފަހު އެދިލައްވާފައެވެ. އެއާއެކު ދައުލަތުގެ ވަކީލު އީނާ މޫސާ ވިދާޅުވީ ތަހުގީގީ ލިޔެކިޔުންތައް ދޭން ޖެހުމަކީ އިފްތިތާހީ ބަޔާން އިއްވަން އޮތް ހުރަހެއް ނޫން ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ތަހުގީގީ ލިޔެކިޔުންތައް ބަލަން ފުރުސަތު ދީފައި ދެން ކުރިއަށް އޮންނަ އަޑުއެހުމެއްގައި އިފްތިތާހީ ބަޔާން އިއްވަން ފުރުސަތު ދިނުމަށެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ރިޝްވަތު ހިފުމުގެ 2 ދައުވާ
  • ރިޝްވަތު ލިބިގަތުމަށް އެދުމުގެ 2 ދައުވާ
  • މަނީ ލޯންޑަރިންގެ ދައުވާ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވިއިރު 6 ކުށެއް ކުރެއްވި ކަމަށް ބުނެ ނިހާންގެ މައްޗަށް ދައުލަތުން ފުރަތަމަ 6 ދައުވާއެއްކޮށްފައިވާއިރު އޭގެތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން މިހާރު ނިހާންގެ މައްޗަށް 5 ދައުލަތުން ކުރަނީ 5 ދައުވާއެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރާ މި ދައުވާތަކުގެ ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމެއްގައި އިފްތިތާހީ ބަޔާން އިއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ އަލީ އާދަމް ވިދާޅުވެފައެއް ނުވެއެވެ.