ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓްގެ ޓަވަރުތަކަށް މިއަދު ކަރަންޓް ދޭން ފަށައިފިއެވެ.
އެޗްޑީސީން ބުނީ ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާއިރު މިއަދު ކަރަންޓު ދީފައިވަނީ H15 އަދި H16 ވަނަ ޓަވަރަށް ކަމަށެވެ.
އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 އަކުން ހަވީރު 5 އަކަށް ކުރިޔަށްދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސްއެމްއެސް އެއް ފޮނުވާނެ ކަމަށާއި އެސްއެމްއެސް ލިބުމުން ކަރަންޓު ލުމަށްޓަކާ ސްޓެލްކޯއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެޓަވަރަކަށް އައުމުން އެ ފްލެޓަކަށް ކަރަންޓު ދެވިގެންދާނެ ކަމަށެވެ.
އެ މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށް އެޗްޑީސީން ބުނެއެވެ.
އެހެން ކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޑީސީން ބުނީ ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.