ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިން ޑެވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް، ފްލެޓް ލިބުނު 3200 ފަރާތަކާއިއެކު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.

ހިޔާ ފުލެޓުތައް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓުގައި ސޮއިކުރަންފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ، މިހާތަނަށް މައުލޫމާތު ފޯމު ފުރާފަ ނުފޮނުވާ ހާހަކަށް ވުރެ ގިނަ ފަރާތް އެބަތިބި ކަމަށާއި، ކޮންމެ ދުވަހަކުވެސް ސޮއިކުރަން ހަމަޖެހޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އަދަދެއް ސޮއިނުކުރެވިދާކަމަށެވެ. އަދި ފޯމު ފުރާފައި ނުލާ މީހުން ވީހާވެސް އަވަހަކަށް އެކަން ކުރުމަށް ސުހައިލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ސުހައިލް ވިދާޅުވިގޮތުގައި، މިހާރުވެސް ސޮއިކުރަން އަންނަން އަންގާފައިވާ 300 އަށް ވުރެ ގިނަ ފަރާތް ސޮއިނުކޮށް އެބަތިބިކަށާއި އަދި އެފަރާތްތައް ދެވަނަ ބުރުގެ ސޮއިކުރުމަށް ޝެޑިއުލް ކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.