ހިޔާ ފްލެޓާ ގުޅުން ހުރި ހުރިހާ ކަމެއްގައި ލުއި ނުދެވޭނެ ކަމަށާ ލުއި ދެވެން އޮތް ކަންކަމުގައި ލުއި ދެމުންދާކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް ވިދާޅުވެއްޖެއެވެ.

ސުހައިލް މިގޮތަށް ވިދާޅުވެފައިވަނީ ހިޔާ ފްލެޓާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސުހައިލް ވިދާޅުވީ ހިޔާ ފްލެޓްގެ ކުއްޔާމެދު މަޝްވަރާ ނުކުރައްވާ ކަމަށާ ކުއްޔަކީ މިހާރުވެސް ކަނޑައަޅާފައިވާ ކުލި ކަމަށެވެ. އަދި ކުލީގެ އަގު ބަދަލުކޮށް ނުދެވޭނެ ކަމަށާ ފްލެޓަށް ވަންނައިރު އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށް ސުހައިލް ވިދާޅުވެފައިވެއެވެ.

ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،500 ރުފިޔާއެވެ. އަދި ސާވިސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ޖުމުލަ 8،500 ރުފިޔާ ފްލެޓް ލިބުނު ފަރާތްތަކުން ކޮންމެ މަހަކު ދައްކަން ޖެހެއެވެ.

ސުހެއިލް ވިދާޅުވީ ފްލެޓް އަށް ކޮންމެ މަހަކު ކުލީގެ ގޮތުގައި ނެގުމަށް މިހާރު ކަނޑައަޅާފައިވާ 8،500 ރުފިޔާ ނަގައިގެން ނޫނީ ފްލެޓް އެޅުމަށް ނަގައިފައިވާ ލޯނު އަދާ ނުކުރެވޭނެ ކަމަށެވެ.

ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ދަނީ ފްލެޓް ގެ ކުލި ކުޑަކުރުމަށް ގޮވާލާ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން 2000 މީހުންގެ ސޮޔާއެކު ރައީސް އޮފީހަށް އެމީހުން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި ސޯޝަލް މީޑިއާގައި އަދި މަގުމަތީގައި ހިމޭން އިހުތަޖާޖުތައް ކުރަމުން ދާއިރު އިއްޔެ ވަނީ "ހިޔާ ޔޫނިއަން" އިން އިންތިޒާމް ކޮށްގެން މާލޭ މަގުމަތީގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ.

ފްލެޓް ލިބުނު ފަރާތްތަކުން ޑިމާންޑް ކުރަމުން ދަނީ މިހާރު ކުލީގެ ގޮތުގައި ދައްކަން ޖެހޭ 7،500 ރުފިޔާ 5،000 އަށް ކުޑަކުރުމަށެވެ. އަދި ސާވިސް ފީގެ ގޮތުގައި ނަގަމުންދާ 1،000 ރުފިޔާ 600 ރުފިޔާއަށް ކުޑަކުރުމަށެވެ.

ފްލެޓް ލިބުނު ފަރާތްތަކުގެ އަތުން ކޮންމެ މަހަކު 8،500 ރުފިޔާ ނެގުމަކީ ފްލެޓް ލިބުނު އާއިލާތަކަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ ވަރަށް ވުރެ ބޮޑު އަދަދެއްކަމަށް އެމީހުން ބުނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ވިދާލުވެފައިވަނީ ސަރުކާރުން ފްލެޓްގެ އަގު ކުރިއިރު 1.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. މި އަދަދު 20 އަހަރުން ދައްކާ ހަލާސް ކުރާނަމަ ކޮންމެ މަހަކަށް ކުލީގެ ގޮތުގައި 10،400 ރުފިޔާ އަރާނެކަމަށް ރައީސް ވިދާލުވެފައިވެއެވެ. އަދޮ ފްލެޓް އެޅުމަށް ނެގި ލޯނުގެ އިންޓަރެސްޓް ކުޑަކޮށް ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު 25 އަހަރަށް ސަރުކާރުން ވަނީ އިތުރު ކޮށްފައެވެ. މިގޮތަށް ނިންމި ނިންމުމާއެކު ކުޅިގެ ގޮތުގައި މަހަކު ދައްކަންޖެހޭ މިންވަރު ވަނީ 7،500 އަށް ކުޑަކޮށްފައެވެ.

ސަރުކާރުން ވަނީ ފިނިށިން މަސައްކަތް ނިންމަން 3 މަސްދުވަހުގެ މުއްދަތެއް ދީ ޑިސެމްބަރުމަހާ ހަމައަށް ކުލި ނުނެގުމަށް ވެސް ނިންމާފައެވެ.