ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އަނެއްކާވެސް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލާފައި ވަނީ އެ މަސައްކަތްކުގައި އުޅުނު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުން ވަނީ ކެންސަލް ކޮށްފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހު އެޗްޕީއޭ އާއި އެކީ މަޝްވަރާކުރުމަށްފަހު އިއުލާނު ކުރާނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ. އެ ކޯޕަރޭޝަނުން މިއަދު ސޮއިކުރަން ތާވަލުކޮށްފައި ވަނީ އެޗް11 ޓަވަރުން ފްލެޓް ލިބުނު މީހުންނާ އެކީއެވެ.

އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި ވެސް ހަވާލުކުރެއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުނާއި އެމީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާނު ކުރެއެވެ. އެއްބަސްވުންތަކުގައި ސޮއި ކުރަން ހާޒިރުވާ މީހާ ސޮއި ކުރަންދާއިރު ހެކިވެރިޔަކަށް އިތުރު މީހަކު ގެންދަން ޖެހެއެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެއެވެ.

އެޗްޑީސީން ހިޔާގެ 6720 ފްލެޓު ހަވާލު ކުރާއިރު ފައިބާ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލްކޮށްފައި ހުންނާނެއެވެ. ހިޔާ މަޝްރޫގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.