ޖުލައި 14، 2021 އިން ފެށިގެން ހިޔާ ފްލެޓް ލިބުނު ފަރާތްތައް އެއްބަސްވުމުގައި ސޮއިކުރަން ފަށާފައި ވާއިރު ޓަވަރު H9 ގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ ތާރީހު ފަސްކޮށްފިއެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޗަން އެޗްޑީސީ އިން ބުނީ ޓަވަރު H9 ގެ އެއްބަސްވުމުގައި ސޮއިކުރުން ފަސްކޮށްފައި ވަނީ ގިނަ ފަރާތްތަކަކުން އަދިވެސް މައުލޫމާތު ފޯމް ފުރުމަށް ފަހު ހުށަހަޅަމުން ގެންދާތީ ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ދެން ޓަވަރު H9 ގެ އެއްބަސްވުމުގައި ސޮއިކުރާނެ ތާރީހަކީ ޖުލައި 18، 2021 ކަމުގައި އެޗްޑީސީ އިން ވަނީ ކަނޑައަޅާފައެވެ.

ޖުލައި 14، 2021 ވަނަ ދުވަހު ވަނީ ޓަވަރު H9 ގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ 118 ފަރާތުގެ ތެރެއިން 112 ފަރާތެއް އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އެޗްޑީސީ އިން ބުނެފައިވަނީ ކުރިން ތާވަލު ކުރެވިފައިވާ ގޮތައް ޓަވަރު H13 ގެ އެއްބަސްވުމުގައި ސޮއިކުރުން ޖުލައި 17، 2021 ވަނަ ދުވަހު ކުރިޔަށްދާނެ ކަމަށެވެ.

ހިޔާފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ކުރިޔަށްގެންދަނީ / ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށްގެންދަނީ ކޮންމެ ޓަވަރަކަށް ވަކި ދުވަހެއް ކަނޑައަޅާއިގެންނެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތުދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލްގެ ޒަރީއާއިން އެ ކޯޕަރޭޗަންއަށް މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ކަށަވަރު ކުރުމަށްފަހު ސޮއިކުރަން ތާވަލުކޮށް އެ ކޯޕަރޭޝަނުން އިއުލާން ކުރާ ފަރާތްތަކަށެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ވަޑައިގަންނަވާއިރު ހެކިވެރިޔަކު ގެނައުމަށާ ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް ގެންދިއުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކްޕެޑް" އަމިއްލައަށް ގެނައުމަކީ އެދެވިގެންވާ ކަމެއް
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށްވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިޔަށްގެންދަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސުކޫލުގެ ހޯލްގައެވެ.