ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ހިޔާ ޓަވަރުތަކުގެ އިތުރު ދެ ލިފްޓް ހަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދެވަނަ ޓަވަރުގައި ހަރުކުރި ލިފްޓް އާންމުންނަށް ހުޅުވާލައި ބޭނުން ކުރަން ފަށައިފިއެވެ.

H1 އަދި H2 ޓަވަރުގައި ލިފްޓްތައް ހަރުކޮށް ނިމިފައިވާ އިރު، H1 ގައި ހަރުކުއި ލިފްޓް މި ހަފްތާ ތެރޭ މި ވަނީ އާންމުންނަށް ހުޅުވާލައި ބޭނުން ކުރަން ފަށާފައެވެ. H2 ލިފްޓްތައް ޓެސްޓު ކުރުމަށްފަހު ވަރަށް އަވަހަށް ބޭނުން ކުރަން ފަށާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން H3 އާއި H4 ޓަވަރުގައި ވސް އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމުމާ ގާތަށް ގޮސްފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެން ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕަށެވެ. މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ހަމަޖެހިފައި ވެއެވެ.

އެގޮތުން ހަރުކުރާ އެއް ލިފްޓަކީ 16 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށްވާ އިރު ދެން ހަރުކުރުމަށް ހަމަޖެހިފައި ވަނީ ސްޓްރެޗަރު އެރުވޭ ވަރުގެ ބޮޑެތި ލިފްޓެކެވެ. މި ލިފްޓްތައް ހަރުކުރުމާއެކު ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

ކޮންމެ ހިޔާ ޓަވަރެއްގައި އިތުރަށް 2 ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.