ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށް ހުރިހާ ޖަލެއްވެސް އާންމު ހާލަތަށް ގެނެސްފި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލަށް ޒިޔާރަތް ކޮށްގެން އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި މިހަފްތާގެ ތެރޭގައި އެކަމަށް ހާއްސަ އުސޫލެއް އާންމުކުރައްވާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އީދު ބަންދަށް ޖަލަށް ޒިޔާރަތްކުރައްވާ އާއިލީ ގުޅުންތައް ބަދަހިކުރައްވަން ކޮމިޝަނާ އޮފް ޕްރިޒަން ވަނީ އިލްތިމާސް ކޮށްފައެވެ.

ޖަލުތަކުގައި ކޮވިޑް ފެތުރުމާއި ގުޅިގެން މީގެ ކުރިން ވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 17 ހައިރިސްކް ގައިދީއަކު ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައެވެ.

މަައުލޫމާތު ލިބިފައިވާ ގޮތުން ގައިދީންނާއި ބަންދުގައި ތިބި މީހުންގެ ތެރެއިން މީހާތަނަށް 522 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

މިދިޔަ މަހުން ފެށިގެން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނާތީ ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެއްވެ. އެ ގޮތުން މާލެ ސަރަހައްދުގައި ހިންގަމުން އައި ކާފިއު މިއަދުން ފެށިގެން ވަނީ އުވާލާފައެވެ. އެހެންކަމުން ވިޔަފާރިތައް ހުޅުވާލައިގެން އާންމުންނަށް ވަދެ ހިދުމަތް ހޯދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.