ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދީ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް އެޗްޑީސީން ކްލަބްހައުސްގައި ސެޝަންތަކެއް ބާއްވަން ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެކޯޕަރޭޝަންގެ ފަރާތުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށާ އެކި މަޝްރޫއުތަކާ ގުޅިގެން އާއްމުންގެ ހިޔާލު ދެނެގަނެ ކުންފުންޏާ، ރައްޔިތުންނާ އޮތް ގުޅުން ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކްލަބް ހައުސް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ ސެޝަންތަކުގެ ފުރަތަމަ ސެޝަންއަށް ރޭ އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރޭގެ ސެޝަން ކުރިއަށް ގެންދެވިފައިވަނީ ހިޔާ ހައުސިން މަޝްރޫއުގެ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހިޔާގެ އެގްރިމަންޓުތަކުގައި ސޮއި ކުރުމުގައާ ހިޔާ ފުލެޓުގެ ވެރިންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމާ، އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ވީހާވެސް ފަސޭހަ ކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ މައުލޫމާތުތަކެއް އެސެޝަން މެދުވެރިކޮށް ފޯރުކޮށްދިން ކަމަށް އެޗްޑީސީން ބުނެއެވެ.

އޭގެ އިތުރުން ސެޝަންގެ ޕެނެލިސްޓުންގެ ގޮތުގައި އެޗްޑީސީގެ ރިއަލް އެސްޓޭޓްޑިޕާޓްމަންޓުގެ ވެރިންނާ ލީގަލް ޓީމުން ބައިވެރިވެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ގައިގަންޑަކަށް 500 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި އެޝެޝަނުގައި އާއްމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ. އަދި ސެޝަންގެ ސަބަބުން ގިނަ މައުލޫމާތުތަކެއް ސާފުވި ކަމުގައި ބުނެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހުޅުމާލެ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކާ އާއްމުންނާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއްގައި އާއްމުންގެ ހިޔާލު ހޯދުމަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.