"ފަހުގެ އާދޭސް" ގެ ނަމުގައި ހިޔާ ޔޫނިއަން އިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިމޭން އިހުތިޖާޖެއް ކުރަން ފަށައިފިއެވެ.

މި އިހުތިޖާޖް ފަށައިފައި ވަނީ މިއަދު މެންދުރު 14:00 ގައެވެ. މި އިހުތިޖާޖު ނިންމުމަށް ހަމަޖައްސާފައި ވަނީ ޖުލައި 10، 2021 ވަނަ ދުވަހުގެރޭ 20:23 އަށް ކަމަށް ހިޔާ ޔޫނިއަން އިން ބުނެއެވެ.

ހިޔާ ޔޫނިއަން އިން އިސްނަގައިގެން ކުރިޔަށް ގެންދާ މި އިހުތިޖާޖުގެ މަގުސަދަކީ ހިޔާފުލެޓު ލިބުނު މީހުންނާއި އެމީސް މީހުންގެ އާއިލާ ތަކުގެ ކަންބޮޑުވުންތައް ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުން ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

މި އިހުތިޖާޖުގައި ބައިވެރިވާ މީޙުން ބޭނުން ކުރާނެ ހޭޝްޓެގްތަކަކީ #އަޑުއަހާށޭ އަޑުއިވޭހޭ ރައްޔިތުން އަޑު އަދި #ނިކަމެތި ރައްޔިތުން ނިކަމެތި ވާނީ ރައްޔިތުން، މިދެ ހޭޝްޓެގެވެ.

ހިޔާ ޔޫނއިަނުން ގޮވާލާފައި ވަނީ ހިޔާ ފްލެޓްގެ އަސާސީ ކުލި 5،600 އަށް ކުޑަ ކުރާށެވެ.

ހިޔާ ޔޫނިއަން އިން ވަނީ ޖޫން އެއްވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ

އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.