މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޮންގޮއްވި އަދުހަމް އަހުމަދު ރަޝީދު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންތިޒާރުގައި 1 ގަޑިއިރު ހުރިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުގައެވެ. މިއަދު އާންމު ކުރި އެ ރިޕޯޓުގައި ބުނެފައި ވަނީ، މެއި 6 ވަނަ ދުވަހުގެ ރޭ އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް 1 ގަޑިއިރު ކުރިން، އެ އައިއީޑީ ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހްމަދު ރަޝީދު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. އަދި، އަދުހަމް ހުއްޓި ހުރީ ނީލޯފަރު ހިނގުން ފެންނަގޮތަށް އަތަމާ ޕެލަސް ގޯޅިތެރޭގައި ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ހަމަލާ ދިނުމަށްޓަކައި ގޮއްވާލި އައިއީޑީ ހަރުކޮށްފައި ވަނީ ސައިކަލެއްގައެވެ. އެސައިކަލުވަނީ މެއި 5 ވަނަ ދުވަހުގެ ރޭ 8:01 ގައި ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކްކޮށްފައި ކަމަށާއި އެއަށް ފަހު، މެއި 6 ވަނަ ދުވަހުގެރޭ 8:27 ގައި އައިއީޑީ ގޮއްވާލުމާ ހަމައަށް އެ ސައިކަލު އެ ތަނުގައި ޕާކްކޮށްފައި ހުރި ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭމީހުން، އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ ގ. ކެނެރީގެ ސަރަހައްދު ބަލާ ހަދާފައި ވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އަދުހަމްގެ އެއްފައި ހައްސައިގެން އަތަމާ ޕެލަސް ގޯޅިތެރޭގައި ފާރުގައި ލެނގިލައިގެން ކޮއްޅަށް ހުރީ ރައީސް މުހައްމަދު ނަޝީދު ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އޭނާ ނީލޯފަރު ހިނގުމާ ދިމާއަށް ބަލަން ހުރިހުރި އިރު އޭނާގެ އެއް އަތުގައި ރިމޯޓެއް އޮތް ތަން އޭނާގެ ވީޑިއޯ ފްޓޭޖުން ފެނެއެވެ.

ބޮންގޮއްވާލި ގޮތް

އެރޭ 8:25 ގައި، ރައީސް ނަޝީދު ގ.ކެނެރީގެއިން ހިންގަވާފައި ވަޑައިގަންނަވާ ތަން އަދުހަމް ބަލަން ހުރި ވަގުތު އަތަމާ ޕެލަސް ގޯޅިތެރެއިން އިތުރު ތިން މީހަކު މަޖީދީމަގާ ދިމާއަށް ނުކުތް ތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި ރައީސް ނަޝީދު ކާރުކޮޅާ އަރާ ހަމާވެވަޑައިގަތުމާ އެކީ އަދުހަމް މަޖީދީމަގާ ދިމާއަށް ތަންކޮޅެއް ކުރިއަށް ޖެހިލައި އަތަމާ ޕެލަސް ގޯޅީގައި ހުރި ތަނބަކާ ނިވާވެލުމާއެކު، ނީލޯފަރު ހިނގުމާއި މަޖީދީމަގުގެ ކަންމަތީގައި ހުރި ސައިކަލު އޭނާ ގޮއްވާލައެވެ.

ބޮންގޮއްވާލުމަށްފަހު އަދުހަމް ކަންތައް ކުރިގޮތް

އިންކުއަރީ ރިޕޯޓްތައް ބުނާގޮތުން އަދުހަމް ބޭރަށް ނުކުމެ މަޖީދީމަގުން އިރަށް ދުއްވައިގަތެވެ. އަދި، އޭގެ ފަހުން އަދުހަމް ދިހަވަރަކަށް މިނެޓު މާލޭގެ އެކިމަގުތަކުގައި ދުވުމަށް ފަހު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ކުރިމަތީގައި އޮންނަ ފުޓުބޯޅަ ދަނޑު ނުވަތަ އެތަނާ ޖެހިގެން އޮތް ކަސްރަތުކުރާ ތަނަށް ވަންނަތަނާއި އެތަނުން އިތުރު އެހެން މީހަކާއެކު ނުކުތްތަން ފެނިފައިވެއެވެ. މި ދެ މީހުން އެކީގައި ހިނގަމުންގޮސް ގާކޮށި ފްލެޓުގެ ކައިރީގައި އޮންނަ ޕާކެއްގައި މަޑުކޮށްލުމަށް ފަހު، އިރޮކޮޅެއްގެ ތެރޭގައި ހިނގާފައި ބުރުޒުމަގުން އިރަށް ގޮސް ދޮންއަދަރާދަ ހިނގުމުގައި ނުވަތަ 8 ނަންބަރު ގޯޅީގައި ހުންނަ ގެއަކަށް ވަނުމަށް ފަހު، އެ ގެއިން ނުކުމެ މަސްކައްކާ ގޯޅި ތެރެއިން ނުކުމެއެވެ. އަދި އެރޭ އަނެއްކާ ވެސް ބޮޑުރަސްގެފާނު މަގުން ކުރިއަށްދާ ތަން ފެނިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އެންމެ ފަހުން އަދުހަމް ފެނިފައި ވަނީ، ގަލޮޅު ކަންމަތި ހިސާބުން ޓެކްސީއަކަށް އަރައިގެން ދަތުރުކުރަމުން ދާ ތަނެވެ.

ރައީސް ނަޝީދަށް ލިބުނު އަނިޔާ

ނަޝީދު އަވަހާރަކޮށްލަން މެއި 6 ވަނަ ދުވަހު ރޭ ދިން ވަރުގަދަ ހަމަލާގައި ގޮއްވާލި ބޮމުގެ ރޭޒާފުއްތައް އެމަނިކުފާނުގެ މެއާ ދިމާއަށް ވަދެފައި ހުރި އިރު ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް އޭޑީކޭއިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވިދާޅުވެފައެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިގަނޑު ތެރެއަށް ރޭޒާފުއް ތައް ވަދެފައި ވަނީ ވާތްފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި އިން ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައި ވެސް ހުރި ކަމަށެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައި ވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފައި ވާކަން ހާމަކޮށްފައި ވާއިރު ވަނަވަރު ހާމަކޮށްފައި ވަނީ އޭގެ ތެރެއިން 5 މީހެއްގެއެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަދި ނ. މަނަދޫ، ނޫރީގޭ، އަލީ ހައިޝަމް، 27 އެވެ.