މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައާ ގުޅިގެން، ހައްޔަރުކުރި މުހައްމަދު ތަސްލީމްގެ މައްޗަށް އުފުލި ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ ކަމުގެ ދައުވާ ސާބިތު ނުވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ތަސްލީމުގެ އިތުރުން މި މައްސަލާގައި ހިމެނޭ އަބްދުﷲ އަލިމަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

އަލީ މަނިކުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވައިރު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކުރިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައި ކޯޓުން އިސްތިއުނާފު ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ތަސްލީމްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 1-27 ވަނަ މާއްދާގައި ހެކީގެ ނިސްބަތަކީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރުން ކަމާއި މި މައްސަލައިގައި ތަސްލީމްގެ މައްޗަށް މި މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ އާދަމަށް ގަބޫލު ކުރެއްވިގެންނެވެ.

ތަސްލީމަކީ 2017 ވަނަ އަހަރު ތެރޭ މާލޭގައި ހިންގާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ތެރޭގައި ބޮމެއް ހަދަން އަމަލީކޮށް އުޅެނިކޮށް އަތުލައިގަތް މީހެކެވެ.

އެ މައްސަލައިގައި އޭޕްރިލް 24، 2017 އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅާފައިވަނިކޮށް އޮކްޓޯބަރު 4، 2018 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައެވެ.