މޭ 6، 2021 ގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ހަމަލާ ދިނުމަށް އައިއީޑީ ހަރުކޮށްފައިވާ ސައިކަލު ގަންނަން ދިޔައީ ސީދާ އެ މައްސަލާގައި ދައުވާކޮށްފައި ތަހުމީން އަހުމަދުކަން ޔަގީން ނުވާ ކަމަށް ހެކިވެރިޔާ ބުނެފިއެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ތިން ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އެގޮތުން މިއަދު ވަނީ ބޮން ހަރުކޮށްފައިވާ ސައިކަލުގެ ކުރީގެ ވެރިފަރާތާއި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ޓްރެފިކް ޕޮލިހެއްގެ އިތުރުން ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހެއްގެ ހެކިބަހެވެ.

ހެކިބަސްދެމުން ސައިކަލުގެ ކުރީގެ ވެރިފަރާތުން ބުނީ ސައިކަލު ގަނެފައިވަނީ ސައިކަލު ވިއްކަން ސޯސަލް މީޑިއާގައި ޖެހުމުން ކަމަށެވެ. އެއީ އޭނާ 4 ވަރަކަށް އަހަރު ބޭނުންކޮށްފައިވާ ނޫ ކުލައިގެ ވޭވް 125 ސައިކަލެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ސައިކަލު ގަތް މީހާ ދެ ދުވަހަކު ދިމާވި ކަމަށާއި އެއް ދުވަހު ސައިކަލު ބަލަން ދިޔަ ކަމަށާއި ސައިކަލާ މެދު ހިތްހަމަޖެހޭ ކަމަށް ބުނި ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އަދި ދެ ވަނަ ދުވަހު ސައިކަލު ގަތުމަށް 18،000 ރުފިޔާ ހަވާލުކުރަން ދިޔަ ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އަދި ސައިކަލު ވިއްކި މީހާއަށް ކިޔަނީ ތަހުމީނުކަން އެނގުނީ ސައިކަލު ރަޖިސްޓްރީ ބަދަލުކުރުމަށް އައިޑީކާޑުގެ ކޮޕީއެއް ބޭނުންވެގެން ފޮނުވަން ބުނުމުން ފޮނުވި އައިޑީކާޑުގެ ކޮޕީގައި ތަހުމީނުގެ ނަން އިނުމުން ކަމަށް ހެކިވެރިޔާ މިއަދު ވަނީ ބުނެފައެވެ.

ސައިކަލު ވިއްކި ކޮން އިރަކުކަން ސީދާ ހަނދާން ނުވި ނަމަވެސް ހެކިވެރިޔާ ވަނީ އެއީ މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖު އަޅައިގެން ދަތުރުކުރަންފެށި ދުވަސްވަރު ކަމަށް ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ތަހުމީންގެ ދިފާއީ ވަކީލު އެދިގެން ހެކިވެރިޔާއަށް ތަހުމީން ދައްކާފައިވަނީ އެއީ ސައިކަލު ވިއްކި މީހާތޯ ޔަގީންކުރުމަށެވެ. ހެކިވެރިޔާ ވަނީ މިހާރު ފެންނަ މިހާއާ އޭރު ދިމާވި މީހާއާ އެއްވެސް ވައްތަރެއް ނެތް ކަމަށާއި އޭރު ހުރީ ބޯ ކުރުކޮށް ކޮށާފައި ކަމަށް ބުނެފައެވެ. އެހެންކަމުން ތަހުމީންގެ ބޮލުގެ އިސްތަށިގަނޑު އެއްސުމަށްފަހުވެސް ހެކިވެރިޔާއަށް ވަނީ ދައްކާފައެވެ. އެހެންނަމަވެސް ހެކިވެރިޔާ ވަނީ ހަނދާން ނެތް ކަމަށް ބުނެފައެވެ.

މިއަދު ދެން ހެކިބަސް ނަގާފައިވާ ޓްރެފިކް ޕޮލިސް ބުނެފައިވަނީ ގަލޮޅު ދަނޑުގައި ހުރި ކޯނުތަކެއް ނެގުމުގެ މަސައްކަތުގައި އިތުރު ފުލުހަކާއެކު އުޅެނިކޮށް އެމްއެންޑީއެފްގެ ވެހިކަލެއް ބާރު ސްޕީޑުގައި އައިސް އޭޑީކޭއާ ހަމައަށް އެސްކޯޓް ކޮށްދިނުމަށް އެމްއެންޑީއެފުން އެދުނު ކަމަށާއި އޭޑީކޭއަށް ގޮސް ސިފައިންގެ އެހީއާއެކު ރައީސް ނަޝީދު ސްޓްރެޗާއަށް އަރުވައިގެން އެމަޖެންސީ ރޫމަށް ގެންދިޔަ ކަމަށެވެ.

ހެކިވެރިޔާ ބުނީ ރައީސް ނަޝީދުގެ މޫނާއި އަތުގައި ޒަހަމްހުރި ކަމަށާއި ގަމީސްކޮޅުގައި އޮތީ ހުސް ލޭ ކަމަށާއި ފެނުނުއިރު ހަރަކާތް ހުއްޓިފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެ ފަހުން ނަގާފައިވަނީ އޭރު އެ މަގުގައި ހުރި މީހެއްގެ ހެކިބަހެވެ. އެ މީހާ ބުނެފައިވަނީ ކެނެރީގެއިން ރައީސް ނަޝީދު ނިކުމެވަޑައިގެންނިއިރު އޭނާ ހުރީ އެ މަގުގެ ފަހަތުގައި ކަމަށާއި ރައީސް ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދޮރު ހުޅުވާލިތަން ފެނުނު ކަމަށެވެ. އެއާއެކު އިވުނީ ބާރު އަޑުފަށްގަނޑެއް ކަމަށާއި އޭރު މުޅި މަގުގައި އޮތީ ދުން ކަމަށްވެސް އޭނާ ބުނެއެވެ.

އެ މީހާ ބުނީ ރައީސް ނަޝީދުގެ އިތުރުން އެހެން މީހަކަށްވެސް އަނިޔާވެގެން އުޅުނު މަންޒަރުފެނިގެން ދިޔަ ކަމަށެވެ.

މެއި 6، 2021 ގެ ރޭ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް، އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ. އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި މައްސަލާގައި ދައުލަތުން މިހާރު ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.