މެއި 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން އިންތި ވިދާލުވީ ނަޝީދުގެ މައްސަލަ ކޮޅެއްގައި ނުޖެހި އަދި ނުވާ ކަމެއްގެ ގޮތުގައި ގާތްގަނޑަކަށް ނިމިދާތަން ފެންނަމުންދާ ކަމަށާއި އެއީ ވަރަށް ބިރުހުރި ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އެ މައްސަލާގެ ފުންމިނަށް ބެއްލެވުމުގެ ކަންތައްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަފާނަންތޯ އިންތި ވަނީ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ ދިވެހި ރާއްޖޭގެ ދިފާއީ ބާރަށް ގާނޫނީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން، އަދި އެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރާނެ ކަމަށް ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދަވާނެ ކަމަށާއި އެ މައްސަލާގައި މިހާރު ފެނިފައި ހުރި އިތުރު ކަންތައްތައް މަޖިލީހަށް ހިއްސާކުރައްވަން އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނީ މަޖިލީހުގެ މެންބަރުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވުމުން ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ.