މި ދިޔަ ޖުލައި މަހު 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން އަދިވެސް ނުފޮނުވާ ކަަމަށް ފުލުހުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ، އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އަދި ނުފޮނުވާ ކަމަށެވެ.
ޕޯސްޓްމޯޓަމް ހަދަން ފޮނުވޭނެ ވަކި ތާރީހެއް މިއަދު ހާމަކުރާނޭ ކަމަށާއި އަދި ފޮނުވަން ހަމަޖެހިފައިވަނީ އިންޑިއާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މީގެ ކުރިން ވަނީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިދިޔަ ހަފްތާ ތެރޭގައި ފޮނުވާނެ ކަމަށް ބުނެފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހު 20 ވަނަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މިދިޔަ މަހު 23 ވަނަ ދުވަހު ފުލުހުން ވަނީ މަރާލި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ބަލާ ފާސްކޮށްފައެވެ. އެ ކާރަކީ ޓެކްސީއެކެވެ. އަދި ޓެކްސީ ދުއްވި މީހާ މި އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ކަން ކަށަވަރު ވެފައެއް ނުވެއެވެ.
މި މައްސަލައިގައި މިހާތަނަށް ވަނީ 2 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ނެރުނު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މާރާމާރީ ހިންގުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި، ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަަރުގެ ކުއްޖާއަށް ވެސް ކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި 27 އަހަރުގެ މީހާއަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައެވެ. މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހ. އެކްސްޓްރާ ހެވަން ގެސްޓްހައުސްގައި ފިލާ ތިއްބައެވެ.