ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓްތައް 5600 ރުފިޔާއަށް ކުއްޔަށް ދެވޭނެކަން މާލޭ ސިޓީ ގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހާމަކޮށްދެއްވައިފިއެވެ.

ހިޔާ ފްލެޓްތަކަށް ސަރުކާރުން ހަދާފައިވާ ހިސާބު ނުބައިކަމަށް ވިދާޅުވެ، ހައުސިން މިނިސްޓްރީންނާއި ހައުސިން ޑިވެލޮޕްވެންޓް ކޯފަރޭޝަން (އެޗްޑީސީ) އިން މުއިއްޒު ވަނީ ލިޔެކިޔުންތައް ހޯއްދަވައިގެން އަލުން ހިސާބުތައް ދިރާސާ ކުރައްވާފައެވެ. މިއަދު މުއިއްޒު ވަނީ ސިޓީ ކައުންސިލުން ޖެހި ހިސާބުގެ ތަފްސީލް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިޔާ ފްލެޓްތައް ކުލީގެ ގޮތުގައި ތަފާތު ކުލިތަކެއް ވަނީ އިއުލާނު ކޮށްފައެވެ. ފުރަތަމަ އިއުލާން ކުރި ހިޔާ ފްލެޓްތައް ކުއްޔަށް ދެވޭނީ މަހަކު -/11000 ރުފިޔާއަށް ކަމަށެވެ. ނަމަވެސް ފަހުން ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު -/7500 ރުފިޔާގެ ކުއްޔެއް އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު -/1000 ރުފިޔާ ނަގަން ނިންމާފައެވެ. އެހެންކަމުން، މިހާރު ސަރުކާރުން ނިންމާފައިވަނީ ހިޔާ ފްލެޓަކަށް މަހަކު -/8500 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް އަޅަން ލޯނު ނަގާފައިވަނީ 8 ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އަދި ލޯނު ނަގާފައިވަނީ 3.9 ޕަސަންޓް އިންޓަރެސްޓް ރޭޓްގައި ކަމަށެވެ.

މިސަރުކާރުން ހަވާލުވި ފަހުން އެޗްޑީސީގެ އިންޓްރެސްޓް ރޭޓަކީ 6.8 ޕަސަންޓް ގައި ކަމަށާއި ޔާމީންގެ ސަރުކާރުގައި އެއަދަދު ހުރީ 4 ޕަސަންޓްގައި ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އިންޓްރެސްޓް ރޭޓް ކުޑަ ކުރުމަކީ އެޗްޑީސީގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް އަމަލު ކުރިނަމަ މަހަކު -/5600 ރުފިޔާއަށް ފްލެޓް ދެވޭނެ ކަމަށެވެ.

ކޯސްޓް އޮފް ފައިނޭންސްއަށް ރީ ފައިނޭންސް ކުރަން ނަގާ 3.2 ބިލިއަން ރުފިޔާގެ ލޯން ކުރީ ސަރުކާރުން ނަގަން ނިންމާފައި އޮތީ ގިނަ ވެގެން 4 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ކަމަށާއި ނަމަވެސް މިސަރުކާރުން އެ ލޯންނަގަނީ 13 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެނިންމުމުގެ ސަބަބުން އިތުރަށް ހަ ބިލިއަން ރުފިޔާ އެ ލޯނަށް އަރާއިރު އޭގެ ސަބަބުން ފްލެޓްތަކުގެ އަގު ބޮޑުވެގެން ދާނެ ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ހިޔާ މަޝްރޫއު ނިންމަން ބުނި ތާރީހުގައި ނުނިންމާ ލަސްވުމުގެ ސަބަބުން 12 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ މަހު 14 ވަނަ ދުވަހު ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ފްލެޓްގެ ތަޅުދަނޑުތައް ހަވާލު ކުރަން ނިންމާފައިވާއިރު ކުލީގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު ދެބަސްވުމެއް ވަނީ އުފެދިފައެވެ.