ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން އެޗްއީއޯސީއަށް ތަކެތި ހަދިޔާ ކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އަހަރީ ދުވަހާ ގުޅިގެން އެޗްއީއޯސީއަށް ތަކެތި ހަދިޔާ ކުރީ މި ދުވަސްވަރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެ ތަކެތި ހަދިޔާ ކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ނަމަވެސް ހަދިޔާ ކުރި ތަކެތީގެ ތަފްސީލެއް ބުނެފައެއް ނުވެއެވެ.

މިކުންފުނީގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު މިއަދު ވަނީ އެޗްއީއޯސީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފައި. އެފަރާތްތަކުން ވަމުންގެންދާ ގުރުބާނީތައް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކު.
ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން އެޗްއޯއީސީއާ ތަކެތި ހަވާލު ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

ސްޓެލްކޯއަކީ މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ކަރަންޓާއި ފެނާ އަދި ނަރުދަމާގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ބައެއް މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.