މިއަދު ބާއްވަން އުޅުނު ހިޔާ ފްލެޓް ގުރު ނެގުން، ޓެކްނިކަލް މައްސަލައެއް ދިމާވެ މާދަމާއަށް ފަސްކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއަދު ބާއްވަން އޮތް ގުރުނެގުން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކެންސެލް ކޮށްފައިވާ ކަމަށެވެ. އަދި މާދަމާ ލައިވްކޮށް ގުރުނެގުން ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މާދަމާ ގުރު ނެގުމަށް ހަމަޖެހިފާ ކެޓަގަރީތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް (H7), ސިވިލް ސާވިސް ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ (H6)، 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ (H7)، މާލޭ ރަށްވެހިންނަށް ހާއްސަ (H8)، މާލޭ ދަފްތަރު ކެޓަގަރީ (H9) އަދި ފުލުހުންގެ ކެޓަގަރީ އިން ލިބިފައިވާ ލިސްޓަށް ގުރުނަގާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ހިޔާ ފްލެޓްގެ ކަންކަމާ ގުޅިގެ ސަރުކާރުން ބުނެފައި ވަނީ ކޮވިޑް ހާލަތާ ގުޅުގެން ގުރުއަތުން ނެގުން ހުއްޓިފައި އޮތުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހު އަނެއްކާވެސް ގުރުއަތުލުމުގެ މަސައްކަތް ފަށާ، 30 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަަމަށެވެ. އެހެންކަމުން އަންނަ މަހުގެ 14 ގައި އެގްރިމެންޓް ތަކުގައި ސޮއި ކުރުމުގެ ކަންކަން ފެށޭނެ ކަަމަށާއި އެ ކަމަށް ވެސް 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްގެ ގޮތުގައި 6،720 ފްލެޓް ވަނީ ދޫކޮށްފައެވެ. އެ ފްލެޓް ތަކުގެ ކުއްޔަށް މަހަކަށް 7500 ރުފިޔާ ނަގަން ނިންމާފައި ވާއިރު، މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ ފުލެޓަކުން 1000 ރުފިޔާގެ މަގުން މަހަކު 6،720،000 މިލިއަން ރުރިޔާ ނަގަން އެޗްޑީސީން ވަނީ ނިންމާފައެވެ.