ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އަށް 2 ފަހަރެއްގެ މަތިން މަސައްކަތް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެވުނު ކަމަށާ، 2 ފަހަރުވެސް އެއްބަސްވުން ބާތިލުކުރީ އެ ކުންފުނިން މަކަރާ ހީލަތް ހެދުމުން ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފިއެވެ.
3000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑިސީ އާއި ސީލައިފް ގްލޯބަލް އިން ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި އެޗްޑީސީން ފުރަތަމަ އެއްބަސްވުން ބާތިލުކޮށްފައިވަނީ ވެސް އެ ކުންފުނިން އެންމެ ފުރަތަމަ ފިޔަވަހީގައި އަޅަން އެއްބަސްވެވުނު 1000 ހައުސިން ޔުނިޓްގެ މަސައްކަތް، ސެޕްޓެމްބަރު 14، 2015 ގައި އެ ކުންފުނިން އެއްބަސްވުމާ އެއްގޮތައް އަމަލުކުރަމުން ނުގެންދިޔުމުގެ ސަބަބުން ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން މި އެއްބަސްވުން ބާތިލުކުރުމުން ސީލައިފް ގްލޯބަލް އިން ވަނީ އެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓްް ކޯޓަށް ހުށައަޅާފައެވެ. އެ ކޯޓުން މައްސަލަ ބެލުމަށްފަހު ކޯޓުން ނިންމީ އެޗްޑީސީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައި ވަނީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަށް ފުރިހަމަނުކޮށް ކަމަށްވުމުން، އެއްބަސްވުން އަނބުރާ އިއާދަކުރުމަށެވެ.
އަދި ކޯޓުން ނިންމި ނިންމުމާއެކު ސީލައިފް ގްލޯބަލާ އެކު ވީ އެއްބަސްވުން އެޗްޑީސީން ވަނީ އިއާދަކޮށްފައެވެ. ނަމަވެސް މި ފުރުސަތުގައިވެސް ސީލައިފް ގްލޯބަލް އިން ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނުކޮށް އެއްބަސްުމާ ހިލާފުވެފައެވެ. އަދި މި އެއްބަސްވުން އޮކްޓޯބަރު 25، 2018 ގައި ވަނީ ބާތިލުކޮށްފައެވެ.
ސީލައިފް ގްލޯބަލްއިން ވަނީ އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިންގ ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގައިފައި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ފައިސާ އެ ފަރާތްތަކަށް އަނބުރާ ހަވާލު ކޮށްފައިނުވާތީ އެ ބަދަލު ހޯދުމަށް އެ ކޯޕަރޭޝަންއަށް 395 މީހުން އައިސްފައިވާ ކަމަށާ، އެ ކޯޕަރޭޝަނުން ބަދަލު ހަމަޖެއްސުމަށް ހޭދަކުރަންޖެހުނު ފައިސާ އަނބުރާ ހޯދުމަށް އެދި ސީލައިފްގެ މައްޗަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ހިއްސާދާރުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.
އެޗްޑިސީން ބުނެފައިވަނީ މި 3000 ހައުސިން ޔުނިޓްގެ މަޝްރޫއު ކުރިޔަށް ގެންދެވިފައި ނުވަނީ އެ ކޯޕަރޭޝަންގެ އެއްވެސް އިހުމާލަކުން ނޫން ކަމަށެވެ. އަދި ދެފަހަރު މަތިން ވެސް އެއްބަސްވުން ބާތިލުކޮށްފައިވާނީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެ މި މަޝްރޫއު ކުރިޔަށް ނުގެންދިޔުމުން ކަމަށެވެ.