މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 783 މިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގެންފައި ވަނީ 783.88 މިލިއަން ރުފިޔާ ގެ އިތުރުން 32.79 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 283.6 ޕަސެންޓުގެ މަތިވުމެއް ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ގްރީން ޓްކްސްގެ ގޮތުގައި 52.68 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޖީއެސްޓީގެ ގޮތުގައި 496.2 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 11.6 މިލިއަން ރުފިޔާ އެވެ.

ރެސިޑެންޝަލް ޕާމިޓުގެ ގޮތުގައި 59.4 މިލިއަން ރުފިޔާ ލިބިފައިވާއިރު މުދަލު ޒަކާތުގެ ގޮތުގައި 10.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އޭގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 32.74 މިލިއަން ރުފިޔާ އެވެ.

އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 139.51 މިލިއަން ރުފިޔާއެވެ.